މަޖިލީހުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ޤާނޫނު އަސާސީ އިސްލާހު ކުރުން

މަޖިލީހުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ޤާނޫނު އަސާސީ އިސްލާހު ކުރުން

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 09:34
0

ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވަންލިބި ވަޑައިގެންނެވި ދިގު ތާރީޚުގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވިފައިވަނީ ޤާނޫނު އަސާސީ އިސްލާހު ކުރުމުގައި ބައިވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގައި "ބާއްޖަވެރި ހެނދުނެއް" ޕްރުގޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރެއްވުމަށް ކުރެވިދިޔަ މަސައްކަތުގައި ވަރަށް ކައިރިން މަސައްކަތް ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީ އިސްލާހު ކުރި ޑްރާފްޓް ކޮމިޓީގައިވެސް ބައިވެރިވުމަށް ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. ރައީސް ވިދާޅުވީ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަކީ ރާއްޖޭގެ ތަރައްޤީއަށް ލިބިގެންދިޔަ އެންމެބޮޑު ފުރުސަތުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ވެރިކަމެ ތެރެއިން ޒަމާންވީ ދިގު ތާރީހުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލު ގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީއަށް ގެނެވުނު އިސްލާހަމީ މިއަދު އަތޮޅު ތެރޭގެ ރަށްތަކަށް ތަރައްޤީ ދިއުމަށް މެދެވެރިވި އެންމެބޮޑު ސަބަބުކަމަށެވެ. ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަރުހަލާގައިވެސް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި، ގޮންޖެހުންތަކާއިއެކު އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި ޤާނޫނު އަސާސީގައި ލިޔެވުނީ އެންމެ މާއްދާއެއްކަމަށެވެ. އަދި އޭރު ޤާނޫނަށް އެމްޑީޕީގެ ފަރާތުން 800 އަށްވުގެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލިސް ބާއްވާއި އެހުރިހާ އިސްލާހުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ.

"މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އުޅުއްވުން. ޤާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ޚިޔާލު ތަފާތުވި. އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. " ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަމަށާއި، އެސިޔާސަތުގެ ދަށުން މިހާތަނަށްވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، ތަރައްޤީގެ މަޝްރޫޢުތަކާއި، ޞިއްޚީ ނިޒާމާއި، ދަތުރުފަރުގެ ނިޒާމު ލާމަރުކަޒު ކުރުމުގެ މުހިމުކަން މިއަދު ވަރަށް ބޮޑަށް އިހުސާސް ކުރެވެމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.