"އަމީނަށް ހެދި ގޮތް ހަދަން" ގޮވާލި މައްސަލަ ތަހުގީގުކުރަން ޕީއެންސީން ގޮވާލައިފި

"އަމީނަށް ހެދި ގޮތް ހަދަން" ގޮވާލި މައްސަލަ ތަހުގީގުކުރަން ޕީއެންސީން ގޮވާލައިފި

Author
އަހުމަދު
10 ޑިސެމްބަރ 2024 09:35
0

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ހިތްވަރުދޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދިފާއު ކުރެއްވި މައްސަލަ ތަހުގީގުކޮށް ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަަވަޅުތައް އެެޅުމަށް ޕީއެންސީން މިރޭ ގޮވާލައިފިއެވެ.

ޕީއެންސީން ނެރުނު ނެރުނު ބަޔާނެއްގައި ބުނީ އަމީނަށް ހެދި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އިސް މެންބަރުންނާއި، ޕާޓީގެ އާއްމު މެންބަރުން ދައްކަމުންދާ ވާހަކަ ކުށްވެރި ކުރާ ކަމަށެވެ.

ރައީސް އަމީނާއި މެދު ކަން ހިނގާދިޔަ ގޮތަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އަނދިރި ސަފްހާއެއް ކަަމަށެވެ.

މިއަދު ގާއިމްކުރެވިފައިވާ ދުސްތޫރީ ނިޒާމްގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ނަފްރަތު ވަނަނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަލާތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށާއި، އެއީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނިޔާވެރި އަމަލުތައް އިއާދަވިޔަނުދިނުމަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.

މި ނިޒާމުގެ އަސާސުތަކާއި ހިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާއްމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރި ކުރުމުގެ ބަދަލުގައި، އެ ޕާޓީގެ ޗެއާޕާސަންް ފައްޔާޒް އެ ވާހަކަތަކަށް އިތުރު ހިތްވަރު ދެއްވައި ވާހަކަދެއްކެވުމަކީ ނުރައްކާތެރި އަަމަލެއް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.

އޭގެ އިތުރުން މިފަދައިން މީހަކާއި މެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، ފައްޔާޒު އަދި އެމްޑީޕީގެ އާންމު މެންބަރުން ހިންގެވި މި އަމަލު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަަވަޅުތައް އެެޅުމަށް ޕީއެންސީގެ ގޮވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.