އިބްތިހާލް މަރު: އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމެއް

އިބްތިހާލް މަރު: އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމެއް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 05:21
0

ވ.ރަކީދޫގައި ޢުމުރުން 3 އަހަރުގެ އިބްތިހާލް މުޙައްމަދަށް އަނިޔާކޮށް މަރާލި މައްސަލާގައި ދައުވާ އާފިޔާގެ މައްޗަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މިދައުވާ ސާބިތުވެފައިވަނީ އާފިޔާގެ ހެކިބަހާއި، ހަރުދަނާ ގަރީނާއާތަކާއި، ހެކިތަކަށް ބަޔާންކޮށް ކަމަށް މައްސަލަ ބަލާ ޤާޒީ ވަނީ ބުނެފައެވެ. ޤާޒީ ވިދާޅުވީ ވ.ރަކީދޫގައި ޢުމުރުން 3 އަހަރުގެ އިބްތިހާލް މުޙައްމަދަށް އަނިޔާކޮށް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އެކުއްޖާގެ މަންމަ އާފިޔާ މުޙައްމަދުގެ މައްޗަށް އުފުލި ދައުވާގައި އޭނާގެ މައްޗަށް ސާބިތުވާކަމަށެވެ.

2015 ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް އުފުލީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ގާޒީ ވިދާޅުވި އާފިޔާގެ އިއުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނާއި ގުޅުވައިލެވޭ ގަރީނާތަކުން އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، 20 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރުމާ އެކު، ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން އާފިޔާ އަށް އަންގާ ކަމަށް ހުކުމުގައިވެ އެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހަައްމަދު އެދިވަޑައިިގަތީ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށުގެ އަދަބުގެ ހަތަރު ދަރަޖަ މަތިކޮށް، އާފިޔާ 20 އަހަރަށް ޖަލަށްލުމަށެވެ. އެއީ ކުޑަކުއްޖަކަށް އަނިޔާ ލިބުމާއި ކުށުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވުމާއި ފަރުވާލެއް ނެތި އަދި އަނިޔާވެރިކަން ދެއްކުމާއި އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި އެ އަމަލު ހިންގާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.

މީގެތެރެއިން އަދި ސާބިތުވެ ހުކުމް އިއްވާފައި ވަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއއަށެވެ. މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

ގާޒީ ސަމީރު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް (މަރުގެ އަދަބު) ނުހިފޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށާއި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށް ވާތީ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

20 އަހަރަށް ޖަލަށްލުމުގެ އިތުރުން ކުށުގެ ކައްފާރައިގެ ގޮތުގައި ހިޖްރީ ކަލަންޑަރުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްވަނީ އިއްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.