ކްރެޑިޓް ރޭޓިން ދެމެހެއްޓުމަކީ އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ: ފައިސަލް

ކްރެޑިޓް ރޭޓިން ދެމެހެއްޓުމަކީ އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ: ފައިސަލް

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓުމަކީ އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މޫޑީސްއިން ބަޔާންކުރި ގޮތުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ވަނީ މި ރޭޓިން ދެމެހެއްޓިފައެވެ. މީގެ ތެރޭގައި އެމްއެމްއޭއިން އަލަށް ތަޢާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކާއި، ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ފާއިތުވި މަސްތަކުގައި ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ވަނީ ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ. ޚާއްސަކޮށް، ސެޕްޓެމްބަރު މަހު ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރެވުނުކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމުގެ ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ރޭޓިން ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭ މިންވަރުގެ މައްޗަށްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *