ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގެ މިންގަނޑުގައި ދެމެހެއްޓުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅާފައިވާ އެކިއެކި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
މޫޑީސްއިން އާންމުކުރި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަރުކަޒީ ބޭންކް އެމްއެމްއޭއިން ތަޢާރަފުކޮށްފައިވާ އައު ބޭރުފައިސާއާބެހޭ ގަވާއިދުތަކާއި، ސަރުކާރުން ޓެކްސް ނިޒާމަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ބޭރުފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖެއަށް ބޭރުފައިސާގެ ފައިނޭންސިން ހޯދުމުގައި ވަނީ ކާމިޔާބީތަކެއް ހާސިލުކުރެވިފައެވެ.
މީގެ ތެރޭގައި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުން ހިމެނެއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭނެކަމަށް ބެލެވޭތީ، ބޭރުފައިސާ ހޯދުމުގެ ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ލަފާކުރެއެވެ.
މިހާރު ކަނޑައަޅާފައިވާ ކްރެޑިޓް ރޭޓިން މިންގަނޑު ދެމެހެއްޓުމާއި އިތުރަށް ރަނގަޅުކުރުން ބިނާވެގެންދާނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ ސަރުކާރަށް ބޭރުފައިސާގެ ފައިނޭންސިން ހޯދޭ މިންވަރާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭ މިންވަރެވެ.
ކޮމެންޓު ފޮނުވާ