ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ރަޖިސްޓްރީގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 13,656 ފަރާތެއް ރަޖިސްޓްރީވެފައިވާކަމަށް އެންސްޕާއިން ބުނެފިއެވެ.
އެންސްޕާއިން މި ފަރާތްތަކަށް ފޯރުކޮށްދެނީ ފަސް ބާވަތެއްގެ ޚިދުމަތެކެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ދޫކުރުމާއި، އެސިސްޓިވް ޑިވައިސް ހޯދައިދިނުމާއި، މާލީ އެހީ ފޯރުކޮށްދިނުމާއި، ތެރަޕިއުޓިކް ފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމާއި، އަދި ބޭހާއި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމުގެ އެހީތެރިކަން ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އިނާޔަތްތައް (ނޮވެންބަރު 2024 ގެ ނިޔަލަށް) pic.twitter.com/qEQOQbl07m
— NSPA (@NSPAmaldives) December 3, 2024
ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. މި ގިންތީގައި ޖުމްލަ 3,912 މީހުން ހިމެނޭއިރު، އޭގެތެރެއިން 2,189 އަކީ ފިރިހެނުންނެވެ. ދެވަނައަށް އެންމެ ގިނައީ މަލްޓިޕަލް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. މި ގިންތީގައި ޖުމްލަ 2,961 މީހުން ރަޖިސްޓްރީވެފައިވެއެވެ.
ވިސްނުމާއި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1,954 މީހުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1,720 މީހުން ރަޖިސްޓްރީވެފައިވެއެވެ. ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1,499 މީހުންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 974 މީހުން ހިމެނެއެވެ. އޭގެއިތުރުން، އޯޓިޒަމް ހުންނަ 584 މީހުންނާއި އުނގެނުމުގެ ދަތިކަން ހުންނަ 52 މީހުން ރަޖިސްޓްރީވެފައިވެއެވެ.
މި ފަރާތްތަކަށް ދެވޭ އެހީތެރިކަމުގެ ތެރޭގައި، އަސާސީ އެލަވަންސްގެ ގޮތުގައި މަހަކު 2,000 ރުފިޔާ އަދި އާންމު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ ހިމެނެއެވެ. އަމިއްލައަށް ނޫޅެވޭ ފަރާތްތަކަށް އިތުރު 2,000 ރުފިޔާ އަދި ޚާއްސަ ބޭނުންތަކަށް އިތުރު ޚަރަދު ހިނގާ ފަރާތްތަކަށް 1,000 ރުފިޔާ ދެވެއެވެ. އަދި އެއް ގޭބީސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ދިރިއުޅޭނަމަ، އިތުރު 1,000 ރުފިޔާގެ އިނާޔަތެއް ދެވެއެވެ.