ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދައިގައި މި އަހަރު ބޮޑު ދަށްވުމެއް އައިސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނޮވެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު، މި އަހަރު ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 10.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ.
ދައުލަތުގެ ބަޖެޓުގައި މި އަހަރަށް ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓް މަޝްރޫއުތަކަށް ކަމަށްވާއިރު، މި މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކަމަށްވާއިރު، މި މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން، ބްރިޖު މަޝްރޫއަށް 956 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހައުސިން މަޝްރޫއުތަކަށް 577 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 527 މިލިއަން ރުފިޔާއާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 525 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.