ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަދަބު ދިނުމުގެ ބިރުވެރި މާޒީ އިއާދަކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ މީސްމީޑިއާ އެކްޓިވިސްޓް ޙުސައިން ޝާފިޢުގެ ޓްވީޓެއްގެ މައްސަލަ ބެލުމަށް ފުލުހުން ޝާފިޢު ހާޒިރުކުރަން އެންގުމާ ގުޅިގެންނެވެ.
މިރޭ ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މީސްމީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދާފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް އެޅޭ ފަހަތް ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި، އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރާތީ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް. ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި…
— Ibrahim Mohamed Solih (@ibusolih) November 30, 2024
ފުލުހުން ޝާފިޢުއަށް ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުގެ 01:14 ގައި އެކްސް ޕްލެޓްފޯމުގައި ހަޑިހުތުރު ބަހުގެ ބޭނުންކޮށް، ބިރުވެރިކަން އުފެދޭފަދަ ޕޯސްޓެއް ކުރި ކަމަށެވެ. ޝާފިޢުގެ މި މައްސަލައާ ގުޅޭގޮތުން ދާޚިލީ ވަޒީރު އިޙްސާން މިއަދު ވިދާޅުވެފައިވަނީ ޝާފިޢުގެ ޕޯސްޓުގައި "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި" މިހެން ލިޔެފައިވާ ކަމަށާއި، މި ޖުމްލައިން ވަކި ފަރާތަކަށް ނިސްބަތްކޮށް ޖިސްމާނީ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ މާނަ ދޭހަވާތީ، އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފްތާގައި އެލްޖީއޭއިން ވަނީ ރައީސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށް އެ ކައުންސިލަށް އަންގާފައެވެ.