ސަރުކާރުގެ ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ތަން މިހާރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑީއާގައި ފާޅުކުރި ޝުއޫރަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ގައްދޫ ކައުންސިލް ރައީސް މުހަންމަދު އަހުމަދު ވަޓްސްއަޕް ގުރޫޕެއްގައި ފާޅުކުރެއްވި ޝުއޫރަކާއި ގުޅިގެން ކައުންސިލް އިން ފިޔަވަޅުއަޅަން އެލްޖީއޭ އިން އަންގާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ބިރުދައްކަން ތަޙްޤީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިއްޖެ. ދިވެހި ރައްޔިތުންގެ އަނގަމަތީ ގައި މަލަންއަޅައި ބަންދެއްނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ." ޝާހިދު ވިދާޅުވިއެވެ.
ތުއްތު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ.
ފުލުހުން، ތުއްތުއަށް ފޮނުވި މެސެޖްގައި ބުނެފައިވާ ގޮތުން އޭނާ ހާޒިރުކުރަނީ މި މަހުގެ 8 ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ތުއްތު ކުރި ޕޯސްޓެއްގެ ގޮތުގައި ފުލުހުން ތުހުމަތު ކުރެއެވެ.
ތުއްތު ކުރި ޕޯސްޓުގައި ބުނެފައިވަނީ ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ. އަދި "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެއެވެ.