ރައީސުލްޖުްހޫރިއްޔާ އިއްޔެ ތަސްދީޤު ކުރެއްވި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ފުލުސް ބޯޑަކީ ފުލުހުންގެ މަސައްކަތްތަކުގައި ޖަވާދާރީ ކުރުމަށް އެކަށައެޅިގެންދާ މުހިންމު ބޯޑެއްކަމުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
"އަވަށްޓެރި ފުލުހުންގެ ޚިދުމަތް" އަޕަރ ސައުތް ޕޮލިސްގައި ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މި ޤާނޫނުގެ ދަށުން ރައްޔިތުން ބައިވެރިވުމާއި އެކު އެކުލަވާލެވޭ ފުލުސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޖަވާބުދާރީ ކުރުމަށް ފުރުސަތު ފަހިވާނެ ބޯޑެއް ކަމަށެވެ. އަދި ޤާނޫނުން ލާޒިމްކުރާ ކައުންސިލްތަކާއި، އަތޮޅުގެ މުއައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްތަކެއް ނުވެ ފައްޓަވާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ޤާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންވާނެ. އަދި މިޤާނުނުގެ ދަށުން އެކުލަވާލެވޭ ފުލުސް ބޯޑުން އަތޮޅުތެރޭގައި ޤާއިމް ވެފައިވާ ފުލުހުން ދެމުންދާ ޚިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިޤާނޫނުން ފަހިވެގެންދޭ. ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބު ދާރީ ކުރުވުމަށް ފުލުހުންގެ ޚިދުމަތުގެ ވޭތުވެދިޔަ 87 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން ލިބިފައި ނުވާ މިންވަރަށް މިޤާނޫނު ޖާގަ ހޯދައިދޭ.
– ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކީ ފުލުހުންގެ މުއައްސަސާއަށް އަންނާނެ އެންމެ ބޮޑު ބަދަލަކަށް ވެގެންދަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ދިނުންކަމަށެވެ. ޤާނޫނާއެކީ ކައުންސިލްތަކާއި، އާންމު ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅިގެން ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާ ގޮތެއްގައި އަތޮޅު ތެރޭގައި ދެވިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީވިދާޅުވީ މިއަދުވެސް ހުވަދު އަތޮޅުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އަތޮޅު ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މިހާރު ތިބި ފުލުހުންގެ އަދަދަކީ މަދު އަދަދެއް ނޫންކަމަށެވެ. ނަމަވެސް ހުވަދު އަތޮޅުގައި ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި، ވައްކަމުގެ މައްސަކަތައް އިތުވަނީ ފުލުހުންގެ މަދުވެގެންތޯ ނޫނީ، ފުލުހުންގެ ޚިދުމަތް ދޭންޖެހޭ ގޮތަށް ނުދެވިގެންތޯ ސީޕީ ހަމީދު ވަނީ ސުވާލު ކުރައްވާފައެވެ. ސީޕީ ވަނީ މިއަދު ފެށިގެންދާ ޚިދުމަތާއިއެކު ހުވަދު އަތޮޅުގައި ހުރި މައްސަލަކަށް ހައްލު ތަކެއް ގެނެވިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކައުންސިލް ތަކާއި ގުޅިގެން އަތޮޅުތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ