ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދު މިވަގުތު ހުރީ އެންމެ ތިން އިންސައްތާގަ: މުނައްވަރު

ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދު މިވަގުތު ހުރީ އެންމެ ތިން އިންސައްތާގަ: މުނައްވަރު

ދިވެހިރާއްޖޭގެ ރިސޯޓުތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދު މިވަގުތު ވަނީ އެންމެ ތިން އިންސައްތައަށް ދަށްވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މުނައްވަރު މި މަޢުލޫމާތު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ މަހު ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު މާރުކުރުމާ ގުޅޭ އައު ގަވާއިދެއް އެކުލަވާލެވިފައިވާއިރު، ބޭރު ފައިސާއާ ބެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭއިން މިހާރު ވަނީ ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީ އަދި ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށް މިފަދަ ގާނޫނެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

1980 ގައި ނެރެފައިވާ މަނިޓަރީ ގަވާއިދު އިސްލާހުކޮށް، އާ ގަވާއިދެއް މިހާރު ވަނީ އެކުލަވާލެވިފައެވެ. މިވަގުތު އެމްއެމްއޭގެ އަމާޒަކީ މި ގަވާއިދު ގާނޫނަކަށް ބަދަލުކުރުމެވެ. ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، އެހެން ޤައުމުތަކުގައި ފޮރިން އެކްސްޗޭންޖް ގާނޫނު އޮންނައިރު، ދިވެހިރާއްޖޭގައި މިފަދަ ގާނޫނެއް ނެތްކަން ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ބޭންކުތަކަށް އިންފްލޯގެ ގޮތުގައި ޑިޕޮސިޓްކުރެވުނު އަދަދު 70 އިންސައްތައިގައި ހުރިއިރު، މިހާރު އެ އަދަދު ވަނީ 50 އިންސައްތައަށް ދަށްވެފައެވެ. ހަމައެހެންމެ، 2019 ގައި ރިސޯޓު އިންޑަސްޓްރީއާއި އެހެނިހެން ދާއިރާތަކުން ބޭންކުތައް މެދުވެރިކޮށް ޑޮލަރު މާރުކުރި އަދަދު 20 އިންސައްތައިގައި ހުރިއިރު، މިހާރު އެ އަދަދު ވަނީ 10 އިންސައްތައަށް ދަށްވެފައެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭންކުތަކަށް ޑޮލަރު ނުލިބުމަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅޭނެ ކަމެކެވެ. އެހެންކަމުން، އައު ގާނޫނުގެ މައިގަނޑު މަޤްޞަދަކީ ބޭންކުތަކަށް ބޭރު ފައިސާ ވެއްދުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *