ސަރުކާރުން ރަށްރަށުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ވަކި ތަރުތީބަކުން، ވީހާވެސް ގިނަ ރައްޔިތުންނަށް މަންފާވާނެ ގޮތަށް ކަމަށް އިމާރާތްކުރުމާއި ބިނާވެށީގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވ. ތިނަދޫ ބަނދަރާ ގުޅޭގޮތުން ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވީ އެ ރަށުގެ ބަނދަރު ހަދައިދޭން ވިދާޅުވި ނަމަވެސް، ލިބިފައިވާ ބަޖެޓުން އެ މަސައްކަތް ކުރުމަށް ޖާގަ ނެތުމުން މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އެންމެ މުހިންމު ޒިންމާއަކީ ގިނަ ބަޔަކަށް ފައިދާވާނެ އުސޫލަކުން ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރުން ކަމަށާއި، 2024 ވަނަ އަހަރު ވަރަށް މަދު ޕްރޮޖެކްޓެއްގައި ސޮއިކުރެވިފައިވަނީ ބަޖެޓުގައި ލިބިފައި އޮތީ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ކަމަށްވާތީއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އާ މަޝްރޫޢުތައް ކުރިއަށް ނުގެންދަން ނިންމީ ލިބިފައިވާ ފައިސާ އެންމެ ރަނގަޅަށް ބޭނުންކުރުމަށް ކަމަށާއި، ކުރިން ސޮއިކޮށްފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން މޮބިލައިޒް ނުކޮށް ހުރި ރަށްތަކަށް އެ ފައިސާ ބޭނުންކޮށްގެން މަސައްކަތް ނިންމޭތޯ ބެލި ކަމަށެވެ. އަދި ބަޖެޓުގައި ހުރި މިންވަރަށްވުރެ އިތުރަށް ޕީއެސްއައިޕީއަށް ހޭދަކުރަން ޖެހުމުން ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ފާސްކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
ތިނަދޫގެ ބަނދަރުގެ މަސައްކަތް މިއަހަރު ނުކުރެވުނު ނަމަވެސް، 2025 ވަނަ އަހަރު އެ މަސައްކަތް ކުރެވޭތޯ ބައްލަވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބަޖެޓު އިތުރުކޮށްފައިވާނެ ކަމަށާއި، ސޮއިކޮށްފައި ހުރި ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ވަކި ތަރުތީބަކުން، ވީހާވެސް ގިނަ ރައްޔިތުންނަށް މަންފާކުރާނެ ގޮތަށް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ