ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ ހުރިހާ ބާރެއް ސަރުކަރުގެ އަތްމަތީގައި އޮވެ، އިންތިޚާބާއިމެދު އެއްވެސް އެއްޗެކޭ ނުބުނު ސަރުކާރު އޮތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅިގެން މިކަމުގައި ސަރުކާރުން ޒިންމާދާރު އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ތިބޭ މައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް މަޖިލީހުގައާއި، މިނިވަން މުއައްސަސާތަކުގައި އޮވެ، އިންތިޚާބު ބޭއްވޭނެ މަގެއް ފަހި ނުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.
މާޗްމަހުގެ 6 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް އޮތް ހުރަހަކީ މިހަރު އޮތް ޚާއްސަ ޤާނޫނަށްވާއިރު، ޤާނޫނު އިސްލާހު ކުރުމުގެ ބާރު މަޖިލީހަށް އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޤޫނޫނަށް އިސްލާހު ނެގެނެވި އިންތިޚާބު މާރޗު މަހުގެ ތެރޭގައި ނުބޭއްވިއްޖެނަމަ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ހައްގު ގެއްލި އެތައް ބަޔަކަށް މިކަމުގެ ގެއްލުންތަކެއް ކުރިމަތިވާނެކަމަށް އާދަމް ޝާރީފް ވިދާޅުވިއެވެ.
ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީވެސް އަދި، މަޖިލިސްގެ ސުޕަރ މެޖޯރިޓީ އޮތުމާއިއެކު ޤާނޫނު އިސްލާހު ކުރުމަކީވެސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ކުރެއްވެން އޮތް ކަންކަން. ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ މައްސަލައެއް. މާރޗް މަހު ލޯކަލް ކައުންސިލް އިންތިޚާބު ނުބާއްވައިފިނަމަ ކެންޑިޑޭޓުންގެ ހައްގުތަކެއް ގެއްލޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އީސީން އަންނަނީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ގާތްވާއިރު އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމިޝަންގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށްޓަކައި ގާނޫނު ނަމްބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަބީބް އެ ފާހަގަ ކުރައްވަނީ އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާއެވެ.
އިންތިޚާބު ބާއްވާނެކަމުގެ އިންތިޒާރުގައި މިހާރުވެސް އެތައް ކަނޑިޑޭޓުނެއް ކެންޕެއިންކޮށް، ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، އިންތިޚާބު ނުބާއްވާނެކަމަށް ބަލައި ބައެއް ކެންޑިޑޭޓުން ވަނީ ނަންވެސް ނަގާފައެވެ. އިންތިޚާބު ބާއްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްއިރު، ޤާނޫނީ ގޮތުން ހުރި މައްސަކަތައް ހައްލުކޮށްގެން އިންތިޚާބް ބާއްވާނަމަ އިންތިޚާބު މާރޗް މަހު ނުބޭއްވޭނެކަމީ އެއްވެސް ޝައްކެތް ނެތް މިންވަރަށް މިހާރު ޔަގީން ވެފައިވާކަމެކެވެ.
ކޮމެންޓު ފޮނުވާ