ޔަހޫދީ ވެރިން ރާއްޖެ އައުން މަނާކޮށް، އާންމު މީހުން އައުމުގައި ހިފެހެއްޓުންތަކެއް ހުންނަން ޖެހޭ: މަޓާޓޯ

ޔަހޫދީ ވެރިން ރާއްޖެ އައުން މަނާކޮށް، އާންމު މީހުން އައުމުގައި ހިފެހެއްޓުންތަކެއް ހުންނަން ޖެހޭ: މަޓާޓޯ

ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުގެ ވެރިންގެ ޕާސްޕޯޓް މަނާކުރުމާއެކު، އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ އަންނަ އެހެނިހެން މީހުންނަށް ވެސް ހިފެހެއްޓުންތަކެއް ގެންގުޅެންޖެހޭ ކަމަށް މަޓާޓޯއިން ބުނެފިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިހާރު ދަނީ ޔަހޫދީ ޒަޔަނިސްޓު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކަމާގުޅުންހުރި އެކި އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެކި ޖަމުޢިއްޔާތަކާ ބައްދަލުކުރަމުންނެވެ.

މަޓާޓޯގެ ރައީސް ޢަބްދުﷲ ޤިޔާސް ރިޔާޒް ވިދާޅުވެފައިވަނީ ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރުމުން ކުރާނެ އަސަރާ ގުޅޭ ދިރާސާއެއް މިހާތަނަށް ހެދިފައިނުވާ ކަމަށާއި، ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެ ދައުލަތުގެ އިސްވެރިންނަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ޔަހޫދީ ދައުލަތަކީ ވަރަށް ކުޑަ މާކެޓެއް ކަމަށާއި، އެ ދައުލަތުން ވެސް ރާއްޖެ ބޯއިކޮޓް ކުރާއިރު ކުރިއަށް އޮތް 10 އަހަރުގައި ވެސް އެ ދައުލަތުގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ނުބެލެވޭކަމަށް ޤިޔާސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަށް ދިމާވާނެ ގޮންޖެހުމަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ ފަތުރުވެރިކަން ކަމަށާއި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމު ކަމަށްވާ ރަޝިއާގައި ވެސް ޔަހޫދީ ދައުލަތުގެ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުން ގިނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި ވެސް ޔަހޫދީ ދައުލަތުގެ ޑުއަލް ޕާސްޕޯޓް ގެންގުޅެން ޖެހިފައިވާ ރައްޔިތުން ތިބިއިރު، އެ ދައުލަތުގެ ޕާސްޕޯޓް އެއްކޮށް މަނާކުރުމުގައި އެކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވެސް މަޓާޓޯގެ ރައީސް ވިދާޅުވިއެވެ.

ޤިޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޔަހޫދީ ދައުލަތުގެ އިތުރުން އެ ދައުލަތަށް ވާގިވެރިވާ ޤައުމުތަކަށް ވެސް ބަލަންޖެހެއެވެ. އެ ޤައުމުތަކުން ފިޔަވަޅު އަޅައިފިނަމަ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެތީ، ޔަހޫދީ ދައުލަތުގެ ވެރިންގެ ޕާސްޕޯޓް މަނާކުރުމަށްފަހު އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ ވަންނަ ފަރާތްތަކަށް ހިފެހެއްޓުންތަކެއް ހުންނަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މީގަ އިސްރާއީލް އެކަންޏެއް ނޫން. އިސްރާއީލް ފަހަތުގައި ތިބީ ކޮންބައެއްތޯ ބަލަންޖެހޭ. އެންމެ ބޮޑަށް ބަލާއިރު އެމެރިކާއާއި އެމެރިކާގެ ހުރިހާ އެލައިންތައް، މިޑްލް އީސްޓް ޤައުމުތަކާއި އިންޑިއާވެސް. އެހެންވީމަ އަޅުގަނޑުމެން އެއަށްވެސް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ ޑޮލަރ ރެމިޓެންސަށް މި ޑިޕެންޑް ވަނީ ޔޫއެސްޑީ އިންފްލޯސްއަށް. އެހެންވީމަ މާދަމާވެސް އެމެރިކާއިން ރާއްޖެއަށް ސްވިސްޓް ކަނޑާލިޔަސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖަކަށްވާނީ," މަޓާޓޯގެ ރައީސް ވިދާޅުވިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެފައިވަނީ ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ކަމާގުޅުންހުރި ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވަނީ މިއީ ޤައުމުގެ އިގްތިސާދާ ގުޅުންހުރި ކަމަކަށްވާތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *