އޭސީސީއާއި އީސީގެ ރައީސް އަދި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ އިސްލާހު ފާސްކޮށްފި

އޭސީސީއާއި އީސީގެ ރައީސް އަދި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ އިސްލާހު ފާސްކޮށްފި

ގުޅުންހުރި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަދި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ހުށަހެޅުނު ޤާނޫނީ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން، އޭސީސީގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. މި އިސްލާހަށް މަޖިލީހުން ވޯޓު ނެގުމުގައި، ފާސްކުރުމަށް ފެންނަ ކަމަށް 69 މެންބަރުން ވޯޓުދެއްވި އިރު، ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވިއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް ހުށަހެޅުނު އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި އިސްލާހަށްވެސް 69 މެންބަރުން ފެންނަ ކަމަށް ވޯޓުދެއްވި އިރު، 10 މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވިއެވެ.

މި އިސްލާހުތައް ގެނައުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުމުގެ އިޚްތިޔާރު އޮތީ އެ ކޮމިޝަންތަކުގެ މެންބަރުންގެ އަތްމަތީގައެވެ. އަދި މި މަޤާމުތަކަށް މީހުން އައްޔަންކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެކަން އަންގަން ޖެހެއެވެ.

އަލަށް ގެނެވުނު އިސްލާހުތަކާ އެކު، މި ދެ ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ލިބިގެންދަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މި މަޤާމުތަކަށް މީހުން އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ބޭފުޅެއްގެ ނުވަތަ ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބޭފުޅަކު، ކޮމިޝަނުގެ ރައީސްކަން ނުވަތަ ނައިބު ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ