އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެމްބަރު ތޯހާ މުހައްމަދު، އެ ބޭފުޅުން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިއެވެ.
އާދިއްތަ ދުވަހު އެ ދެ ބޭފުޅުން މަޤާމުން ވަކިކުރަން ނިންމި ނިންމުމަކީ ނުފޫޒަށް ތަބާވުމާއި ސުލޫކީ މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމެކެވެ. ހޯމަ ދުވަހު މި މައްސަލައިގެ ވޯޓު ނެގުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ވޯޓު ނަގާފައެއް ނުވެއެވެ.
މަޤާމުން އިސްތިއުފާ ދެއްވިކަން އަންގަވައި ތޯހާ ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައިވަނީ މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު، ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ތެދުވެރިކަމާއެކު މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ މައްޗަށް ކުރެވިފައިވަނީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، އިތުބާރު ނެތްކަމުގެ މައްސަލައެއް ބެލުމަކީ ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށާއި، އޭސީސީގެ މެންބަރުކަމުގެ ޒިންމާތައް މިނިވަންކަމާއެކު އަދާނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަބްދުލް ސަލާމްވެސް ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުއްވާފައެވެ.
މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވި ގޮތުގައި، އޭސީސީގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނުގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށާއި، މައްސަލަތައް ނިންމުމުގައި ނުވަތަ ސިޔާސަތު ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތު އިސްނުކުރުމަށް އަންގާފައިވެއެވެ. މި މާއްދާތަކާ ޚިލާފުވުމަކީ މެންބަރުކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށާއި، ސަލާމާއި ތޯހާ މި މާއްދާތަކާ ޚިލާފުވެފައިވާކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ލިބިފައިވާ ކަމަށް ނިއުޝާ ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް، މި ދެ ބޭފުޅުން މަޤާމުން ވަކިކުރުމުގައި އެކަށީގެންވާ ގޮތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށް މަޖިލިސް މެންބަރުންނާއި އާންމު ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.