މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އޭސީސީގެ ރައީސް ސަލާމްއާއި މެމްބަރު ތޯހާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އޭސީސީގެ ރައީސް ސަލާމްއާއި މެމްބަރު ތޯހާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައިގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ ދެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ، ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، މައްސަލަ ދިރާސާކުރުމުގެ ތެރޭގައި އެ ދެ މެންބަރުން ގާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ދެ މެންބަރުން ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް، ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައި ކަމަށްވެސް ރިޒާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން ރޭ ބޭއްވުނު ކޮމިޓީގައި ނެގުނު ވޯޓުގައި، ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ އެ ދެ މެންބަރުން ވަކިކުރުމަށް ފާސްކޮށްފައެވެ.

އޭސީސީގެ ނައިބުރައީސް ސަލާމްގެ މައްޗަށް ކުރާ ތުހުމަތުތައް:

  • ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރިލިމިނަރީ އިންވެސްޓިގޭޝަނުން ސަޖެސްޓު ކޮށްފައި ވަނިކޮށް، އިންވެސްޓިގޭޝަން އޯވާސީ ކުރާ އިސްފަރާތުގެ ހައިސިއްޔަތުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވުން.
  • ބިންވެރިޔާ މައްސަލަ ހުއްޓުވީ އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ސިޔާސީ ޕާޓީއަކަށް ގެއްލުންވެދާނެތީ އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ފޯނު ހިފެހެއްޓުމުގެ އަމުރު ހޯދުން ލަސްކޮށް ހެކި ނައްތާލަން ފުރުސަތު ދިނުމުގައި އިސްދައުރެއް އަދާކުރި.
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް، ފޮރެންސިކް ސެކްޝަން ހަދައި އެތަނުގެ ހެޑަކަށް ގާތް މުވައްޒަފެއްލި. އެ ސެކްޝަނުން ކުރާ މާ ބޮޑު މަސައްކަތެއް ވެސް ނެތްއިރު، އެތަން ކުރިއަރުވަން މަސައްކަތް ނުކުރޭ.
  • އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް އާ ޑިޕާޓްމަންޓެއް ހަދައި ގާތް މުވައްޒަފަކު ހެޑަކަށް ލާން މަސައްކަތް ކޮށްފައިވޭ އަދި އެކަމުގައި އިސް ދައުރެއް އަދާކުރި.
  • ބޭނުންވާ މައްސަލަތައް ވަކި ގޮތަކަށް ނިންމަން މެންބަރުންނަށް ބާރު އެޅުމުން އަންގާ ގޮތަކަށް މެންބަރުން މައްސަލަތައް ނިންމާ. އަދި މައްސަލަތައް އެޖެންޑާ ކުރުމުގައި އަމިއްލަ މަސްލަހަތަށް އިސްކަންދީފައިވޭ.
  • ނުފޫޒު ފޯރުވައިގެން ބޭނުންވާ މައްސަލައެއް ބޭނުންވާ ދުވަހަކަށް އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައިވޭ.

އޭސީސީގެ މެންބަރު ތޯހާގެ މައްޗަށް ކުރާ ތުހުމަތުތައް:

  • އޭސީސީން ވަކި ކުރި މުވައްޒަފެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް، ނުފޫޒުން އެ އިސްތިއުނާފު ބާތިލުކޮށް ކުރިން އޭސީސީން އަމަލު ކޮށްފައި ނުވާ ގޮތަށް އެ މުވައްޒަފު އެހެން ދެ ތަނެއްގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތު ހިމަނައިގެން ކޮމިޝަނުގެ ލީގަލް ޓީމުގެ ލަފަޔާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ބަދަލުދީފައިވޭ.
  • ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ކުރެވުނު ތުހުމަތެއްގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ނަމަވެސް، ދައުވާ ނުކޮށް މައްސަލަ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކުރި.
  • އޭސީސީގެ މެންބަރުންނަށް އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށް ބުނާއިރު، ރާއްޖޭގެ ލޯފާމެއްގެ ވެބްސައިޓުގައި އެ ލޯފާމުގެ އެޓާނީންގެ ތެރޭގައި ހިމެނޭ.

ސަލާމް އާއި ތޯހާ ވަކިކުރުމަށް ހުށަހެޅިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ. 2022 މާޗު 17 ގައި އޭސީސީއަށް އައްޔަނުކުރެވުނު މި ދެ މެންބަރުންގެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިވަން މުއައްސަސާއެއްގެ މެންބަރުންތަކެއް ވަކިކުރުމަށް މަޖިލީހުން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *