ކުރީ ސަރުކާރުގައި ކޮވިޑް-19އާ ގުޅުވައިގެން ކޮންޓްރެކްޓަރަކަށް އަށް މިލިއަން ޑޮލަރުގެ ބަދަލެއް ސްޓެލްކޯއިން ދިނުމަށް އެއްބަސްވުމެއް ހަދާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މަގާމުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުންނެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި ފޯސް މަޖޫރޭ ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުމަކީ ބޮޑެތި އަދަދުތަކުން ބަދަލު ދިނުމަށް އެއްވެސް ގައުމެއްގައި އުޒުރެއްގެ ގޮތުގައި ބޭނުންކުރާ ކަމެއް ނޫނެވެ. ނަމަވެސް މި މައްސަލައިގައި ކޮވިޑް-19 ބޭނުންކޮށްގެން ސްޓެލްކޯއިން ވަނީ ކުންފުނީގެ ކޮންޓްރެކްޓަރަކަށް އަށް މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް އެއްބަސްވުމެއް ހަދާފައެވެ.
އެއްބަސްވުމުގެ ދަށުން މި އަދަދު ދައްކަން ހަމަޖެހިފައިވަނީ ކޮންމެ މަހަކު ދެ ލައްކަ ޑޮލަރުގެ މަގުން ބަހާލައިގެންނެވެ. އަދި ފައިސާ ނުދައްކާ ކޮންމެ މަހަކަށް 2.5 އިންސައްތައިގެ ޖޫރިމަނާއެއް އަރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ އޭސީސީގެ ލަފައަކަށް އެދިފައިވާ ކަމަށާއި، ނަމަވެސް އަދި އެ ލަފާ ނުލިބޭތީ ބަދަލު ދިނުމުގެ ކަންކަން އޮތީ ހުއްޓިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާއިރު، ބައެއް ފަރާތްތަކަށް ދައުލަތުގެ ހަރުމުދާ ބަދަލުގެ ގޮތުގައި ދިނުމަށް އޭރުގެ ރައީސް އޮފީހުގެ ސެޓްލްމެންޓު ކޮމިޓީން ނިންމާފައިވާކަންވެސް ފާހަގަކުރެވެއެވެ.