ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ގޮތަށް ބްރިޖު ޕްލެޓްފޯމު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ ތަން ރޫޅާލަން ވަނީ ފަށައިފިއެވެ. ސްޕޯޓްސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހޮންގް ކޮންގުގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޯލޮޖީ ކުންފުންޏާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މިދިޔަ އޭޕްރީލް މަހު މިނިސްޓްރީއާއި އެ ކުންފުނި ދެމެދު ސޮއިކުރެވިފައިވީ ނަމަވެސް، މަސައްކަތް ހަވާލުކުރެވުނު އަގު އަދި ހާމަކުރެވިފައެއް ނުވެއެވެ. އިންޓަނޭޝަނަލް ސާފިން ސްޓޭޑިއަމް އެޅުމަށްޓަކައި ޕްލެޓްފޯމު ރޫޅާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިވާއިރު، އެ ތަން ހިޔާކޮށްފައި ހުރި ޓިނުތަކާއި ސިޑިބަރިތައް ނެގިފައިވެއެވެ. ނަމަވެސް، ޕްލެޓްފޯމުގެ އަމަލީ މަސައްކަތް ފަށައި ނިންމުމަށް ދެވިފައިވާ މުއްދަތު އަދި އެނގިފައެއް ނުވެއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ކުރިން ވިދާޅުވެފައިވަނީ ބޮޑީބޯޑިން އަދި ސާފިން ސްޓޭޑިއަމެއްގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ. ރާއްޖޭގައި މި ފަހަކަށް އައިސް ވަނީ ސާފިން އަދި ބޮޑީބޯޑިންގެ އިންޓަނޭޝަނަލް މުބާރާތްތަކެއް ބޭއްވިފައެވެ. މީގެ ތެރޭގައި، އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި "ވިޒިޓް މޯލްޑިވްސް ޕްރޯ" 2022 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހިމެނި، މިދިޔަ އަހަރުގެ އައިބީސީގެ ޓުއާ ކަލަންޑަރުގައިވެސް މި މުބާރާތް ހިމެނިފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބެލުމަށް ލޮނުޒިޔާރަތްކޮޅުގައި ހެދި މި ޕްލެޓްފޯމަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި ހުރިހާ ޚަރަދެއް ކޮށްފައިވަނީ ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާއިން ކަމަށްވާއިރު، އޭގެ ބަދަލުގައި އެ ތަނުގައި ރެސްޓޯރެންޓެއް ހެދުމުގެ ހުއްދަވެސް އެ ކުންފުންޏަށް އޭރު ދެވިފައިވެއެވެ.