އިދިކޮޅު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބުދުالله ޝާހިދު ވިދާޅުވެއްޖެއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމެވުމަށް އަދި އަވަސްކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ސަރުކާރުގެ ހުދުމުޚްތާރު ވެރިކަމާއި، ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އެއްފަރާތްކޮށް، 2028 ގައި އޮންނަ އިންތިޚާބަށް މިހާރު އަމާޒު ހިފައިފިނަމަ، ޤައުމަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ގެއްލުން ދީ، އިޤްތިޞާދު ހަލާކުކޮށްލުމަށް މަސައްކަތްކުރަމުންދާއިރު، އެކަން ރަނގަޅު މަގަށް އެޅުވުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައްޔިތުން އެދޭ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖެއަށް ގެނައުމުގެ އުންމީދު އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި 2028 ގެ އިންތިޚާބަށް ކުރިމަތިލެއްވުމާ މެދު މިހާރު ގޮތެއް ނިންމަވާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. 2028 ގެ އިންތިޚާބުގައި ވާދަ ކުރެއްވުމާމެދު ގޮތެން ނިންމަވާފައި ނުވާކަމަށް ޝާހިދު ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއްޔެ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ