މީހެއްގެ މޫނަށް ވެލި ޖެހި މައްސަލައެއްގައި ހ.ފެހިއާބާދު ޢަލީ ޢަބްދުއްރަހްމާން 8000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ކޮށްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި، އެހެން މީހަކާއެކު ހިނގި ހަމަނުޖެހުމެއްގައި ޢަލީ ޢަބްދުއްރަހްމާން ވަނީ ބިންމަތިން ވެލިނަގައި އެ މީހާގެ މޫނަށް ޖަހާފައެވެ. މި މައްސަލައިގައި ގައިގައި އަތްލުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލުނު އިރު، ޢަލީ ވަނީ ކުށަށް އިޢުތިރާފްވެފައެވެ.
މި ބާވަތުގެ ކުށްތަކަށް އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ މަހަކާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ޢަލީ ކުށަށް އިޢުތިރާފްވުމާ ގުޅިގެން އަދަބު އެއް ދަރަޖަ ދަށްކުރެވުނެވެ. އަދި މައްސަލައިގެ ތަޙްޤީޤުގައި 15 ދުވަސް ބަންދުގައި ހުރުމަށްފަހު، އަދަބުގެ ގޮތުގައި ކަނޑައެޅުނީ 12 ދުވަހުގެ ޖަލު ޙުކުމެކެވެ.
ކޯޓުގައި އިޢުތިރާފްވުމަށްފަހު، ޢަލީ އެދުނީ ވީހާވެސް ލުއި އަދަބަކަށެވެ. އޭނާ ވަނީ ޖޫރިމަނާއަކަށް އަދަބު ބަދަލުކޮށްދިނުމަށް އެދި، އެ ފައިސާ ދެއްކޭނެ ކަމުގެ ޔަޤީންކަން ކޯޓަށް ދީފައެވެ. މަހެއްގެ މައްޗަށް 20,000 ރުފިޔާއަށް ވުރެ ގިނަ އާމްދަނީ ލިބޭ ޢަލީގެ އެ އިލްތިމާސަށް ރިޢާޔަތްކޮށް، ކޯޓުން ވަނީ ޖަލު ޙުކުމުގެ ބަދަލުގައި 8000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ޙުކުމްކޮށްފައެވެ. މި މައްސަލަ މިހާރު ވަނީ އެ ހާދިސާ ހިނގިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ނިމުމަކަށް އައިސްފައެވެ.