ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމަށްޓަކައި އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި އައު ޤާނޫނެއް މަޖިލީހަށް ހުށަހަޅުއްވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށެވެ.
މި މަޢުލޫމާތު ހާމަކުރައްވާފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ޕޮޒިޝަން ރިޕޯޓުގައެވެ. މި ރިޕޯޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ރޭވިފައިވާ ގިނަ ކަންތައްތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ބައެއް ކުންފުނިތައް އެއްކޮށްލުމާއި އަނެއްބައި އުވާލުން ހިމެނެއެވެ. މާލީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ބަދަލުތަކާ އެކު މެދުރާސްތާގައި ދައުލަތުން ކުންފުނިތަކަށް ކުރާ ޚަރަދު ކުޑަވެގެންދާނެއެވެ.
އައު ޤާނޫނުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނު އުވާލެވި، ކުންފުނިތަކުގެ މައި ހިއްސާދާރެއްގެ ގޮތުން މާލީ ވުޒާރާއިން ކުންފުނިތައް ބަލަހައްޓަވާގޮތަށް ހަމަޖެހިގެންދާނެއެވެ. އަދި ކުރީގެ ޤާނޫނުގައި ހިމެނޭ މުހިންމު އިޖުރާއާތުތައް އައު ޤާނޫނުގައިވެސް ހިމެނޭނެއެވެ.
އައު ޤާނޫނުގެ މުހިންމު ބައިތަކުގެ ތެރޭގައި ކުންފުނިތަކުގެ މާލީ ރިސްކު ކުޑަކުރުމަށް ގަވަރނަންސް އޮނިގަނޑެއް ޤާއިމުކުރުމާއި، މުވައްޒަފުން ނެގުމުގައި ޤާބިލުކަމަށް އިސްކަންދިނުމާއި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ. މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށް ޕްރޮކިއުމަންޓް އިޖުރާއާތުތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ސަރުކާރުން ފާހަގަކުރާ ގޮތުގައި މި ޤާނޫނުގެ ސަބަބުން ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަންކުރުމާއި މާލީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ދައުލަތުގެ ބަޖެޓުގެ 10.2 އިންސައްތައަކީ އެސްއޯއީތަކަށް ދޫކުރެވޭ ކެޕިޓަލް އަދި ލޯނު ޚަރަދުކަމަށް ވެފައި، މި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.