ކޮވިޑް-19 އާ ގުޅިގެން ދެމުން ގެންދިޔަ އިންކަމް ސަޕޯޓް އެލަވަންސް، ޝަރުތު ހަމަނުވާ ފަރާތަކުން ނަގާފައިވާތީ އެ ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރެވިފައިވަނީ ދަފްތަރު ނަންބަރު ރސ 9801، އަހުމަދު ސިމްހާނުގެ މައްޗަށެވެ. އެލަވަންސްގެ ގޮތުގައި ސިމްހާނުއަށް ދޫކުރެވިފައިވަނީ 10،000 ރުފިޔާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. މި ފައިސާ އެއްފަހަރާ އަނބުރާ ދެއްކުމަށް ދައުލަތުން ވަނީ އެދިފައެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެލަވަންސަށް އެދި ސިމްހާނު ފޯމު ހުށަހެޅިއިރު އޭނާއަކީ ގެޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްކަން އިކޮނޮމިކް މިނިސްޓްރީގެ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވެއެވެ. މި އެލަވަންސަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް ހާއްސަކުރެވިފައިވާ އެލަވަންސަކަށް ވުމާއެކު، ސިމްހާނަކީ މި އެލަވަންސް ލިބުމުގެ ޝަރުތު ހަމަވާ ފަރާތެއް ނޫންކަމަށް ހުކުމުގައި ކަނޑައަޅާފައިވެއެވެ.
މި މައްސަލައިގައި ދައުވާގެ ދިފާއު ހުށަހެޅުމަށް ދެވުނު މުއްދަތުގައި ސިމްހާނުގެ ފަރާތުން އެއްވެސް ދިފާއެއް ހުށަހަޅާފައި ނުވާތީ، ދައުލަތުން އެދުނު ގޮތަށް ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވެއެވެ. އެގޮތުން ގާޒީ ފައްޔާޒު ޝާތިރު ވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.