ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑުގެ މަރާމާތު ކުރުމަށްފަހު ހަވާލުކޮށްފި

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑުގެ މަރާމާތު ކުރުމަށްފަހު ހަވާލުކޮށްފި

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހު ފެށި އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހުރި މަސްފެންގަނޑުގެ މަރާމާތުގެ މަސައްކަތް ނިމި، އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އިއްޔެ ހެނދުނު އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ ދަށުން، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެތަން ވަނީ ކުރިއަށްވުރެ މާ ރީތިކޮށް ހަދާފައެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޖަމާވާ ތަނަކަށްވުމާއެކު، އެތަނުގެ ރީތިކަން ދެކި އެ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ކުރިން ސްޓެލްކޯއިން ކުރުމުއްދަތެއްގެ ތެރޭގައި މަރާމާތުކޮށް ހުޅުވައިދިނުމަށްޓަކައި މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ މި ކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުންނުވާތީ، އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް މަރާމާތުގެ މަސައްކަތް ފަށައިގަތް ކަމަށެވެ. އަދި ދިވެހިންގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދު ކަމުގައި ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި މިނިސްޓްރީން ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވުމާއެކު، އެހާ ފުރިހަމަކޮށް މަސައްކަތް ނިންމައިދެއްވި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މެނޭޖިންގ ޑިރެކްޓަރ ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *