މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 41 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއެގެ މިރޭގެ ޕްރެސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް 41 މީހަކު މި ކޭސްގައި ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރެއިން 8 މީހަކު ޕޮޒިޓިވް ވެފައިވަނީ މިއަދުގައި ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައިރިސްކު 2 މީހަކުވެސް ހިމެނޭކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ކައިވެނި ހަފްލާތަކާއި، ޕާޓީތައް ބޭއްވިޔަސް ގައިޑް ލައިނާއި އެއްގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިހާރުވެސް މިކޭސްއާއި ގުޅުންހުރި ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާކަމަށެވެ.
ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެޗްޕީއޭއިން ގެންދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރުވަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް އެޗްޕީއޭއިން ކުރަމުންގެންދާކަމަށް އެ އެޖެންސީން ބުނެއެވެ.
"މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެކެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ދަންނަވަމެވެ."
– އެޗްޕީއޭ
މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.
ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހަފްލާތަކުގައި ބައިވެރިވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ފޯރުކޮށްދިނުމާއި، ކެއުމުގައިވެސް އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތަށް އިންތިޒާމުތައް ބެހެއްޓުމަށް އެޗްޕީއޭން އިލްތިމާސް ކުރެއެވެ.
ކޮމެންޓު ފޮނުވާ