ގާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލެވިފައިކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އަދި މި އިސްލާހުތައް ފާސްކުރެވުނު ވަގުތަކީ މި ގައުމުގެ ޑިމޮކްރެސީގެ އިރު އޮއްސިގެން ދިޔަ ވަގުތު ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ކުއްލިއަކަށް ގާނޫނުއަސާސީއަށް މިފަދަ އިސްލާހުތަކެއް ގެނައުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. މި އިސްލާހުތަކާއެކު، މެންބަރަކު އެ މެންބަރެއްގެ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ހަމަޖެހިގެން ދިޔުމަކީ ދައުލަތުގެ ތިން ބާރު ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެވުނު ކަމެއް ކަމަށް ޝާހިދު ދެކެވަޑައިގަންނަވައެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތަކާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މައްޗަށްވެސް ޕާޓީގެ ބާރު ފޯރުވޭނެއެވެ. އަދި ސުޕްރީމް ކޯޓާ ގުޅޭ މައްސަލަތަކުގައިވެސް، ޕާޓީގެ ވިޕްލައިނާ ޚިލާފުވާ މެންބަރުން މަޖިލީހުން ވަކިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ގާނޫނުއަސާސީގެ މައިގަނޑު މަފްހޫމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަންކަން ނިންމުން ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އެހެންކަމުން، މިފަދަ އިސްލާހުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދައި، ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު، ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ބަދަލު ގެނެވި، 73 ވަނަ މާއްދާއަށް އިތުރުކުރެވުނު އަކުރުގެ ދަށުން މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ހަމަޖެހިގެން ދިޔައެވެ. ނަމަވެސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ހުށަހެޅުނު އިސްލާހު ފާހެއް ނުވިއެވެ. ބައެއް ގާނޫނީ ވަކީލުން ދެކޭގޮތުގައި މިއީ ގާނޫނުއަސާސީއާ ޚިލާފު އިސްލާހުތަކެކެވެ.