ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިސްލާހުތަކާމެދު އެމްޑީޕީން ނުރުހުން ފާޅުކުރި ނަމަވެސް، އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ހާމަކުރެއްވިއެވެ.
އިއްޔެ ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށްފަހު، ހަވީރު ބޭއްވުނު ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ވަނީ ތަސްދީގުވެސް ކުރައްވާފައެވެ. މި އިސްލާހުތައް ގާނޫނުއަސާސީގެ އެހެން މާއްދާތަކާ ތައާރުޒުވާކަމަށް ބުނެ ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގޮވާލާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން ވަނީ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ޚިލާފުވެފައި ކަމަށާއި، މުޅި ގާނޫނުއަސާސީގެ މަފްހޫމާ ތައާރުޒުވާ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. މެންބަރެއްގެ ގޮނޑި ގެއްލޭއިރު އެކަމުގެ ޑިއު ޕްރޮސެސްއަކާއި އެޕީލްކުރެވޭނެ ގޮތްތަކެއް ގާނޫނުއަސާސީގައި ލިޔެވެންޖެހޭނެ ކަމަށް އެމްޑީޕީން ދެކޭކަމަށް ވިދާޅުވިއެވެ.
"…އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދިޔުމާމެދު އަދި އަޅުގަނޑުމެން އެ ގޮތަކަށް ނުވިސްނަން.
ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މަޖިލީހުގެ ކަންތައްތަކަށް އެހެން ބާރުތައް ވަންނަން ނުޖެހޭ ގޮތަކަށް ބައްޓަންވުމަކީ އެމްޑީޕީން ގަބޫލުކުރާ ގޮތް ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި، އެކަންކަމާމެދު ކަމުވޮށިގެންވާ ފަރާތްތަކުން ވިސްނަމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވަކި ގޮތެއް ނިންމި ވާހަކައެއް ނޫން މި ބުނީ. އެހެންނަމަވެސް، މަޖިލީހުން އެ އޮތީ ގާނޫނުއަސާސީއާ ޚިލާފަށް ކަންތައްތަކެއް ނިންމާފައި. އެހެންވީމާ ދެން އެއަށް ބަހެއް ބުނެވޭނީ މަޖިލީހަށް. ނޫނިއްޔާ ރާއްޖޭގެ ސުޕްރީމް ކޯޓަށް. އެ ކަންކަމުގައި އަޅުގަނޑުމެން އިތުރަށް މަޝްވަރާކުރާނަން ކުރިއަށް ދާންވީ މަގަކީ ކޮބައިތޯ.
ފައްޔާޒު ވިދާޅުވިއެވެ.
އިއްޔެ ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި، މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމާއި، ބޭރު ގައުމެއްގެ އަސްކަރީ ބަޔަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން ހިމެނެއެވެ. މި އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖުކޮށް، މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖީ ހަރަކާތްތަކެއް ހިންގާފައެވެ.