ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެނެ، އެ ބިލު އަވަސް ކުރަން މުޅި މަޖިލިހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރަން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ވޯޓު ދެއްވައިފިއެވެ.
އެ ބިލް ކޮމިޓީ އަށް ފޮނުވަން ތާއީދުކޮށް ވޯޓު ދެއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޝާކިރެވެ.
އެ ބިލު އަވަސްކުރަން ފެންނަ ކަމަށް ވޯޓު ދިން އިރު ބިލު ބަލައިގަންނަން ނެގި ވޯޓުގައި ޝާކިރު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ސަބަބުތައް ބަޔާންކޮށް މަޖިލިހަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވީ 71 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ކޮމިޓީއަށް ފޮނުވަން ދެކޮޅު ހެއްދެވީ 12 މެމްބަރުންނެވެ. އެއީ އެމްޑީޕީގެ 11 މެމްބަރަކާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއް ރަހްމާނެވެ.
މި އިސްލާހު ކޮމިޓީން މިހާރު ފާސްކޮށްފައިވާ އިރު، މި ބިލާ މެދުގައި މަޖިލިހުގެ ތަޅުމުގައި ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައިވެއެވެ.
އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:30 ގައެވެ.
މަޖިލިހަށް ހުށަހެޅި ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.