އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު އަނބުރާ ގެންގޮސް، ތަންދޮރު އެނގޭނެ ގޮތަށް ބަޖެޓު ހުށަހެޅުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓު ބަހުސްގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ވޯޓުން އެ މަގާމަށް ހޮއްވަވާފައިވަނީ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ކަމަށާއި އެ ޒިންމާއަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުން ކަމަށެވެ.
މަޖިލިހުގައި 21 އަހަރު ހޭދަކުރެއްވި އިރު، މިއީ ތަފްސީލެއް ނެތް ގޮތުގައި މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓު ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު މަޖިލީހުގައި 21 އަހަރު މިވަނީ. މިއީ އަޅުގަނޑު މަޖިލީހުގެ އުމުރުން ފުރަތަމަ ފަހަރު ތަފުސީލެއް ނެތް ގޮތުގައި މި މަޖިލީހަށް ބަޖެޓެއް ހުށަހެޅިގެން ދިޔަ. މީގައި އަޅުގަނޑުގެ ދާއިރާގެ ރަށްތަކަށް، މީދޫއަށް، ބަނޑިދޫއަށް، ރިނބުދޫއަށް، ހުޅުދެއްޔަށް އަދި މި ގައުމުގައި ހުރި އެހެން ރަށްރަށުގެ ތަރައްގީއާ ބެހޭ އެއްވެސް ވާހަކައެއް މި ފޮތުގައި ބަޔާންކުރެވިފައެއް ނެތް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ޑިމޮކްރަސީގެ އަދި ވިޔަފާރީގެ ވެސް އެންމެ މާތް ސިފައަކީ ޓްރާންސްޕޭރެންސީ ނުވަތަ ދެފުށް ފެންނަ ނިޒާމެއް އޮތުން ކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ ކުރާ ކަންތައްތައް އެނގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހެނދުނު ހޭލާ އިރުގައި ސަޕްރައިޒެއްވާކަށް ކޮންމެ ދުވަހަކު ބޭނުމެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެން ބުނެ ދޭން އެބަޖެހޭ ތައުލީމަށް ހަރަދުކުރަނީ ދެ ބިލިއަން ރުފިޔާ ކަމުގައި ވާނަމަ އަޅުގަނޑުމެން އެބަ ބުނަން ޖެހޭ ތައުލީމީ ކޮން ދާއިރާއަކަށްކަން މި ހަރަދު ކުރަނީ. އަޅުގަނޑުމެން ބުނަން އެބަޖެހޭ ރަށް ރަށުގައި ނިމިފައި އޮތީ ކޮންކަމެއްތޯ،" ސިޔާމް ވިދާޅުވިއެވެ.
ބަޖެޓަކީ ވިޔަފާރިއާ، ޓްރާންސްޕޭރެންސީ އަދި ޑިމޮކްރަސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މިއަށް ޖަވާބުދާރީ ވެވަޑައިގަންނަވާނީ ކިހިނެއްތޯ ސިޔާމް ސުވާލު އުފެއްދެވިއެވެ.
"ނޭނގި ތިބެ މި ބަޖެޓަކީ ސައްތައިންސައްތަ ރަނގަޅު އެއްޗެކޭ ބުނަން ހެޔޮ ވެސް ނުވާނެ. އަޅުގަނޑު ހަމަ އާދޭހާއެކު ދަންނަވަން މި ބަޖެޓު ގެންދަވާށޭ. ގެންގޮސް އަޅުގަނޑުމެންނަށް ތަންދޮރު އެނގޭނެ ގޮތަކަށް އަޅުގަނޑުމެންނަށް މި ބަޖެޓު ހުށަހަޅައިދެއްވާ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވަނީ ރާއްޖޭގެ ބޭރު އެމްބަސީތައް ހިންގުމަށް އިތުރު %40 ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ސިންގަޕޫރާއި ތައިލެންޑްގެ ވެރިރަށް ބެންކޮކް ފަދަ ތަންތަނުން ވަނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި އެމްބަސީތަކުގެ ބަޖެޓުން %50 އުނި ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.