ސިޔާމް ގޮވާލެއްވީ ބަޖެޓް އަބުރާ ގެންދިއުމަށް

ސިޔާމް ގޮވާލެއްވީ ބަޖެޓް އަބުރާ ގެންދިއުމަށް

Author
ހުސައިން
19 ނޮވެމްބަރ 2024 12:39
0

ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓުގެ ބަހުސްގައި މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އެކަށީގެންވާ ތަފްސީލު ނެތް ކަމަށާއި، އެކަން އިސްލާހުކޮށް ބަޖެޓް އަލުން ހުށަހެޅުމަށް ގޮވާލައްވައިފިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އިރު، މިހާ ތަފްސީލު ނެތް ބަޖެޓެއް ހުށަހެޅިފައިވަނީ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލީހަށް ހޮވިވަޑައިގެންފައިވާ މެންބަރެއްގެ ހައިސިއްޔަތުން، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކުގައި އޭނާގެ މަޝްވަރާ ބޭނުންވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެ ފައިސާ ހޭދަކުރާނެ ގޮތުގެ ތަފްސީލު ނޭނގޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ތައުލީމާއި އެހެނިހެން ދާއިރާތަކަށް ކުރާ ހޭދައިގެ ތަފްސީލު ބަޖެޓުގައި ހިމަނަންޖެހޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މިއީ އެއްވެސް ސަރުކާރަކުން ނުވަތަ ކުންފުންޏަކުން ވެސް ބަޖެޓު ހުށަހަޅާނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ދައުލަތުގެ ހަރަދުތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވެ، ތަފްސީލު ނޭނގޭ ބަޖެޓަކަށް ވޯޓު ދިނުމަކީ ޤިޔާމަތް ދުވަހު ވެސް މާތްﷲ އަޒާބު ދެއްވާނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.