އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު "މަގޭ ސާފު ރާއްޖެ" ސެމިނާ އެމްއެންޔޫ އޮޑިޓޯރިއަމްގައި ފަށްއިފިއެވެ. މި ސެމިނާ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސެމިނާގައި މިނިސްޓްރީން ރާވާފައިވާ މަސައްކަތްތަކާއި، އިތުރަށް ހަރުދަނާކުރަން ހުރި ކަންކަމާމެދު މަޝްވަރާކުރެވޭނެއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ތާރިގު އިބްރާހިމްގެ ވީޑިއޯ މެސެޖުގައި ވިދާޅުވެފައިވަނީ އާބާދީ އިތުރުވަމުންދާއިރު، ކުނީގެ މައްސަލަތައްވެސް އިތުރުވަމުންދާކަމަށާއި، މިއީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށެވެ. މިކަމާ ގުޅިގެން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، ރަށްރަށުގައި ކުނި މެނޭޖުކުރާ ސެންޓަރުތައް ގާއިމުކުރުމާއި، މީހުން ތަމްރީނުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުނީ 2005 ގައި ސުނާމީ ކާރިސާއާ ގުޅިގެންނެވެ. އޭގެ ކުރިން 2001 ގައި އޭޑީބީގެ ރީޖަނަލް ޕްރޮޖެކްޓެއްގެ ދަށުން އައްޑޫ ހިތަދޫ އަދި ކުޅުދުއްފުށީގައި މިމަސައްކަތް ފެށުނެވެ. 2007 ގައި ޕޮލިސީ ލެވެލްގައި މަސައްކަތް ފެށި ނަމަވެސް، 2008 ގައި ސަރުކާރު ބަދަލުވުމާއެކު ގޮންޖެހުންތަކާ ކުރިމަތިވިއެވެ. 2015 ގައި ސިޔާސަތުތައް މުރާޖަޢާކުރުމަށްފަހު ރީޖަނަލް ކުނި މެނޭޖުކުރާ ނިޒާމުތަކެއް ގާއިމުކުރަން ފެށިއެވެ.