ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުދެކޭވަރުގެ މިންވަރަކަށް މި ސަރުކާރުން މަޢުލޫމާތު ހާމަކުރަމުންދޭ: ރައީސް

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުދެކޭވަރުގެ މިންވަރަކަށް މި ސަރުކާރުން މަޢުލޫމާތު ހާމަކުރަމުންދޭ: ރައީސް

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުދެކޭވަރުގެ މިންވަރަކަށް މި ސަރުކާރުން މަޢުލޫމާތު ހާމަކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވުނު "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52″ ގެ ރަސްމިއްޔާތުގައެވެ.

ދެފުށް ފެންނަ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުން ހުށަހަޅާފައިވާ އާރް.ޓީ.އައި ތަކުގެ 91 އިންސައްތައަށް ޖަވާބުދާރީވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ ވެބްސައިޓާއި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް ޚާއްޞަ ވެބްސައިޓެއް ޤާއިމްކޮށްފައިވާ ކަމަށާއި، ވުޒާރާތަކުންނާއި ވަޒީރުން 791 ފަހަރު މީޑިއާއަށް މަޢުލޫމާތު ދީފައިވާ ކަމަށާއި، 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެއްވެސް މުވައްޒަފަކު ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާނަމަ ވަޒީފާއިން ދުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރު އައި ދުވަހުން ފެށިގެން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑުއެހުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން، 70 ރަށަކަށް ދަތުރުފުޅު ކުރައްވައި 169 ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ދެއްވާ އިސްކަން ފާހަގަކުރައްވަމުން، މިހާރު ރާއްޖޭގެ ކަނޑުގެ އަޑިއާއި މަތި ބަލަހައްޓަނީ ދިވެހި ސިފައިން ކަމަށާއި، އީ.އީ.ޒެޑް ބަލަހައްޓާނީވެސް އަމިއްލަ ވަސީލަތްތަކާއެކު ދިވެހި ދިފާޢީ ބާރުން ކަމަށް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އިސްލާމްދީނާއި ޤާނޫނާ ޤަވާއިދާ ފުށުނާރާ ކޮންމެ ކަމެއްގައި އެހެން ޤައުމުތަކާއެކު ގުޅުން ބާއްވަވާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިންގުމުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *