ކޯވިޑް-19 ގައި ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތަކުންވެސް ރާއްޖެއާއި ޖަޕާނާއި އޮތް ގާތް ބަދަހި ގުޅުން ހާމަވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޚުތިރާމުގެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ މައިގަނޑު ބޮޑަތި މަޝްރޫޢުތައް އެހީތެރިވެދީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކުރާ މުހިންމު ރޯލު ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ކޯވިޑް-19ގެ އާއި ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުން 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާތީ އެކަން ވަރަށް ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެބޮޑު އަދަދެވެ. އަދި މިއީ ރާއްޖެއާ ޖަޕާނާދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ރަމްޒުކޮށްދޭ ކަމެއްވެސް މެއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއަށް އެކިދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުނަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމާއި ޞިއްހީދާއިރާ ކުރިއެރުވުމަށާއި އަދި ސަލާމަތާބެހޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިފައިވެއެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ޤައުމީ ދިވެހި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީތަކާ އެއްގޮތަށް ލާމަރުކަޒުކޮށް ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ޖަޕާނުގެ ސަފީރު މި ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައިވެސް ދެޤައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
ކޮމެންޓު ފޮނުވާ