ކްރިމިނަލް ކޯޓުން ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 11،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ 2021 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ފިހާރައަކުން ފަސް ދަޅު ރެޑްބުލްއާއި ތިން ފޮށި ކެމެލް ހާޑް ސިނގިރެޓް ގަތުމަށް 500 ރުފިޔާގެ ފޭކް ސްލިޕެއް އެ ފިހާރައަށް ވައިބާކުރުމާ ގުޅިގެންނެވެ.
ޝަރީއަތުގެ މަޖިލީހުގައި އަލީ ރަޝީދު ވަނީ އެއީ އޭނާ ފޮނުވި ސްލިޕެއް ނޫންކަމަށް ބުނެ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފައިވާތީ، ހެއްކާއި ގަރީނާ ހުށަހަޅައިގެން އޭނާގެ މައްޗަށް ކުށް ސާބިތުކުރެވުނެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމުގައިވީ ނަމަވެސް، އަލީ ރަޝީދު ކުރިން ބަންދުގައި 14 ދުވަހު ހުރުމާއެކު އެއް މަހާއި 28 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅުނެވެ.
އަލީ ރަޝީދު އެދުނު ގޮތުގެ މަތިން އަދި މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ، ގާޒީ ވަނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ. މިގޮތުން އޭނާ 11،600 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.