2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ 5 މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ: ރައީސް ސާލިހު

2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ 5 މެމްބަރަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ: ރައީސް ސާލިހު

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ ފަސް މެންބަރަކު މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މުސްތަޤުބަލާ ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ނިންމަވާ ހުރިހާ ނިންމެވުމެއް ވެސް ޕާޓީގެ ލީޑަރޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގެ ފަސް މެންބަރަކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ޕާޓީގެ ތެރޭގައި ހަތަރު ފަސް ބޭފުޅަކު މިހާރުވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ. އެއީ ވަރަށް ރަނގަޅު ކަމެއް، އެއީ އެތެރޭގެ މަސައްކަތްތައް ކުރުމަށް ވާދަވެރި މާހައުލެއް އުފެދޭތީ. ނަމަވެސް އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް އިލްތިމާސްކުރަނީ ޕާޓީ ހިންގުމުގައި ބައިވެރިވުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ސޯލިހު އިލްތިމާސްކުރެއްވީ ރިޔާސީ ކެންޑިޑޭޓުކަމަށް ޝައުގުވެރިވާ ފަރާތްތައް ވެސް ޕާޓީގެ މަސައްކަތްތަކުގައި ކުރިޔަށް ދިއުމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ނަންތައް ކުރީގެ ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ނިންމެވުން ހާމަކުރައްވާނީ އޭގެ ވަގުތު އައުމުން ކަމަށާއި، މިހާރު ހާމަކުރެއްވުމުން ޕާޓީއަށް ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަދި ހަތަރު އަހަރު އޮއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *