އައްޑޫ ފްލައިންގ ސްކޫލު މިހާރު ހިންގަމުންދާ ފަރާތުގެ މުއްދަތު ހަމަވުމުން ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދަން އަލުން ހުޅުވާލާނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފުލައިންގ ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޭފުޅުންނާއިރު މިއަދު ބޭއްވި ބައްދަލުވުމުގައި އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖުލައިމަހަށް ހަމަވާނެކަމަށެވެ. މިހާރު އޮތް ކޮންޓްރެކްޓުގެ މުއްދަތުހަމަވުމުން އެއްބަސްވުން އާނުކުރާނެކަމަށާއި، ނިންމާފައިވަނީ ބީލަމަށް އަލުން ހުޅުވާލުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މެމްބަރުން ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު، ޤައިސް ވިދާޅުވީ މިހާރު ހިންގަމުންދާ ފަރާތުގެ ގިނަ މައްސަލަތަކެއް ލިބިފައިވާއިރު، މިމައްސަލަ ހައްލުކުރުމަށްޓަކައި މިހާ ހިންގަމުންދާ މީހުންނާއިއެކު މިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އެކި ފަހަރުމަތީން މައްސަލަ ހައްލުކުރުމަށް ވާހަކަ ދެކެވިފައިވާއިރު، މައްސަލަ ހައްލުނުވެ އިތުރު މައްސަލަތައް ފެންމަތިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ސްލޫގެ މެނޭޖްމަންޓާއި ގުޅޭގޮތުން ހުރިއިރު، މެނޭޖްމަންޓުން ނިންމާ ބައެއް ނިންމުންތައް އަލުން އަބުރައި ގެންދިއުމަނށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އެގޮތުން އައްޑޫ ފްލައިންގ ސްކޫލުން ދަރިވަރުން ވަކި ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާޠިލުކުރުމަށް އެ ސްކޫލަށް އަންގާފައިވާކަމަށެވެ.
އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށް ވެސް އެ ސްކޫލަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ