ފުލުހުންގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއިއެކު ރާއްޖޭގެ ހަމަޖެހުމާއި، ސަލާމަތްތެރިކަން ކަށަވަރު ވެގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވި ދިވެހި ފުލުހުންގެ ޚިދުމުގެ ޤާނޫނާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ މި ޤާނޫނަށް މީގެ ތިން މަސްފަހުން އަމަލުކުރަން ފެށުމާއިއެކު ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ޤާއިމްކުރުމަށް ފުލުހުންގެ ޚިދުމަތަށް ގެންނަވާ ބަދަލު އަންނާނެކަމަށެވެ. އަދި މި ޤާނޫނާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ،
ފުލުހުންގެ ޤާނޫނު ތަސްދީޤު ކުރެވި 3 މަސްފަހުން އެ ޤާނޫނަށް އަމަލުކުރަން ފެށުމާއިއެކު ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ޤާއިމްކުރުމަށް ފުލުހުންގެ ޚިދުމަތަށް ގެންނަވާ ބަދަލު އަންނާނެ. އިންޝާﷲ
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ޤާނޫނަށް މިގެނެވުނު ބަދަލުތަކަކީ ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ކުރެވުނު މަސައްކަތުން ގެނެވިފައިވާ ވަރަށް ހެޔޮ ބަދަލުތަކެއްކަމަށެވެ. އަދި ރާއްޖޭގެ ވެއްޓަކީ ޓިމޮކްރަޓިކް ވެއްޓަކަށް ހެދުމަށްޓަކައި މިޤާނޫނުން މުހިންމު ކަންތައްތަކެއް ފަހިވެގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް. ދިވެހި ރާއްޖެ ފުރިހަމަ ޑިމޮކްރަޓިކް މުޖުތަމައަކަށް ހެދުމަށްޓަކައި މޯލްޑިސް ޕޮލިސް ސާވިސް ހަރުދަނާކޮށް އިތުރަށް ތަރައްޤީ ކުރުމަކީ ކޮންމެ މުހިންމު ކަމެއް.
– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ބިލަށް ހުށަހެޅުނު އިސްލަހުތަކުގެ ތެރެއިން ފާސްކުރި އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި އޮތީ ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރުމަށް މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވި އިސްލާހެވެ. މިބިލުގެ މަސައްކަތް ކުރިއަށް ދިޔަ އިރުވެސް ފުލުހުންގެ ބައެއް މަޤާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއިމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުންވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ނިކުތް ފުލުހުންގެ އިސްސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން މިއަދުވެސް އެމަޤާމުތަކުގައި ތިބުމަކީ މެމްބަރުންގެ ކަންބޮޑުވުންތަކެކެވެ.
ބިލުގައި އެންމެބޮޑު ނުތަނަވަސްކަމެއް އުފެދުނު، ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުންވެސްވަނީ ބިލްގައި ހިމަނާފައެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.
މިބިލު ފާސްކޮށްފައިވާއިރު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ތިން ހައްގެއް ފުލުހުންނަށް ހަނިވެގެން ދެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކުރި ތިން ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު
މި ތިން ހައްގު ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު މިއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.
ކޮމެންޓު ފޮނުވާ