ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލު ބަދަލުކުރުމަށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސްކޮށްފައެވެ. މި ބިލު ފާސްކުރެވުނީ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ ވޯޓުން، 10 މެންބަރުން ވޯޓުދެއްވީ ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ސަރުކާރުން މި ބިލު ހުށަހެޅުއްވި މަޤްޞަދަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު އިސްލާހުކޮށް، ޤާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމެވެ. އަދި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅާ ފޯމު ޤާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭގޮތަށް ހަމަޖެއްސުމެވެ.
މަޖިލީހުން ފާސްކުރެއްވި އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އާއި 0.2 އާ ދެމެދުގެ އަދަދެކެވެ. މިހާރު ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން މި ނިސްބަތުންނެވެ.
އިސްލާހުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާ ގުޅޭގޮތުން އޮތް މާއްދާ ވަނީ އުނިކޮށްފައެވެ. އަދި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް އިޞްލާހުގައިވެއެވެ.
ކޮމިޓީ މަރުހަލާގައި އިތުރު ދެ އިސްލާހެއް ވަނީ ގެނެސްފައެވެ. އެގޮތުން އުވާލާ ސިޔާސީ ޕާޓީއެއްގެ ނަމާއި ކުލައާއި ނިޝާން ފަސް އަހަރަށް ބޭނުން ނުކުރެވޭ ގޮތަށާއި ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބާއްވާ ޕާޓީތައް އުވޭގޮތަށް އޮތް މާއްދާ އުވާލުމަށް ވަނީ އިސްލާހު ގެނެސްފައެވެ. މި ބިލު ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުންނެވެ.