ރައްޔިތުންގެ މަޖިލީހުގައި މިއަދު ފާހަގަކުރެވުނު މުހިންމު މައްސަލައެއްގެ ގޮތުގައި، ސިވިލް ސަރވިސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަންގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ހިމެނެނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙު، އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި މެންބަރު ތޯހާ މުޙައްމަދު، އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު، މުޙައްމަދު އާސިފް އަދި ޑރ. މުޙައްމަދު ޒާހިރެވެ.
މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މި މެންބަރުން މަޤާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާނުކުރާކަމަށާއި، ގަވާއިދާ ޚިލާފު އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން، ސަރުކާރުން ވަނީ އޭސީސީ އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސުން އައްޔަންކުރުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލުގެ މަސައްކަތް މިހާރު ދަނީ ކޮމިޓީ މަރުހަލާގައެވެ. އިސްލާހު ގެނެވޭ ގޮތުން، ކޮމިޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހެޅުމުން، މަޖިލީހުގެ ޖަލްސާއަކުން އެ ނަން ފާސްކުރަންޖެހޭނެއެވެ.
މިހާރު ޢަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން، އޭސީސީ އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރެވެނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އަންގަންޖެހެއެވެ.
އަދި އައު ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުރި ރައީސުންނާއި ނައިބު ރައީސުން، ގާނޫނުގައިވާ ގޮތުގެމަތިން މަޤާމުން ވަކިވަންދެން އެ މަޤާމުތަކުގައި ދެމިތިބޭނެއެވެ.