މަތީ ދަރަޖަ ހާސިލުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ އިނާމު ދެއްވާފައެވެ. މި އިނާމުގެ ގޮތުގައި މެޑެއްޔަކާއި ހަނދާނީ ލިޔުން ދެއްވާފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވުނު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ،
މި އަހަރުގެ ޚާއްޞަ އިނާމު ލިބިވަޑައިގަތީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯސްތަކުން އިސްކޮށް ފާހަގަކުރެވޭ ކާމިޔާބީތައް ހޯއްދެވި 40 ބޭފުޅުންނެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދު ހާސިލުކުރެއްވުމުގައި ފާހަގަކުރެވޭ ކާމިޔާބީ ހޯއްދެވި ޑޮކްޓަރ ޢާއިޝަތު ޝިނާ އާއި ޑޮކްޓަރ ޚަދީޖާ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އާއި 8، އަދި 9 ގެ ސަނަދު ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 38 ބޭފުޅުންނަށްވެސް މި އިނާމު ލިބިވަޑައިގެންފައިވެއެވެ. މި ބޭފުޅުންގެ ތެރޭގައި އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް، އަލްފާޟިލާ ފާޠިމަތު ސަނާ، އަލްފާޟިލާ ފާޠިމަތު ޣާޒިޔާ ފަތުޙީ ފަދަ ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިރޭގެ ޖަލްސާގައި ފާހަގަކޮށްލެވޭ އެހެން ކަމަކީ، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ މަގާމު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް ދެއްވުމެވެ. މި ޝަރަފު އެމަނިކުފާނަށް ދެއްވީ، ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އިޚްލާޞްތެރިކަމާއެކު ކުރައްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ