ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ޑރ ޒާހިރަށް އަރުވައިފި

ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ޑރ ޒާހިރަށް އަރުވައިފި

Author
ހުސައިން
10 ނޮވެމްބަރ 2024 09:13
0

މިރޭ ދަރުބާރުގޭގައި ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ގެ މަގާމު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން މަތީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އެމަނިކުފާނުގެ މަސައްކަތުގެ ދާއިރާ ފެށިގެން ދިޔައީ އަމީނިއްޔާ ސްކޫލުންނެވެ. އޭގެފަހުން ތަޢުލީމީ ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވަމުން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް އިސްކުރެވުނެވެ. މި މަގާމުގައި ހުންނެވިއިރު، 1979 ވަނަ އަހަރު ސައިންސް އެޑިޔުކޭޝަން ސެންޓަރު ހުޅުވައި، ދިވެހި ތަޢުލީމީ މުގައްރަރަށް މުހިންމު ބަދަލުތަކެއް ގެންނެވިއެވެ. އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއެވެ.

10 އަހަރާއި 9 މަސްދުވަހުގެ ތަޢުލީމީ ވަޒީރުކަމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމާއި، ޒުވާނުންގެ ކަންތައްތަކާއި ކުޅިވަރާ ބެހޭ ވުޒާރާތަކުގެ އިސް މަގާމުތައް ފުރުއްވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ގުރުއާން ތަރުޖަމާކުރާ ކޮމިޓީގައިވެސް ޚިދުމަތްކުރެއްވިއެވެ. ހުކުރު ޚުޠުބާ ލިޔުއްވުމާއި، އިމާމުވެ ހުކުރު އަދި ޢީދު ނަމާދު ކުރެއްވުމާއި، "ދީނުގެ މަގު" ނޫހަށް މަޒުމޫނު ލިޔުއްވުމުގައިވެސް އިސް ދައުރެއް އަދާކުރެއްވިއެވެ.

2001 ވަނަ އަހަރު މެލޭޝިއާއިން ތިއޮލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. އަދި 2008 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަގަބު އެރުވުނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރެއްވުމަށްފަހު، 2019 އޮގަސްޓް 20 އިން ފެށިގެން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރައްވަމުން ގެންދަވައެވެ. 48 އަހަރުގެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާ، އޭގެތެރެއިން 32 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ތަޢުލީމީ ދާއިރާއަށް ހޭދަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.