އާރބަން ސެންޓަރުތަކަށް ކަނޑައަޅާފައިވާ އާބާދީގެ އެންމެ ދަށް މިންގަނޑަކީ 10،000 މީހުން ކަމުގައި ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫ އާރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވެފައިވަނީ، މި ރަށްތައް ކަނޑައެޅުމުގައި އެރަށްރަށުގައި މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށާއި، ސިއްހީ، ތަޢުލީމީ އަދި އެހެނިހެން ޢުމްރާނީ ޚިދުމަތްތައް ދެމުންގެންދާ މިންވަރަށް ބައްލަވާފައިވާ ކަމަށެވެ. އަދި ރަށް ބޮޑުކުރެވޭނެ ފުރުސަތު އޮތްތޯއާއި، ކައިރީގައިވާ ފަޅު އެއްކޮށްލައިގެން ނަމަވެސް ރަށް ބޮޑުކުރެވޭނެ ފުރުސަތު އޮތްތޯވެސް ބައްލަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ތަރައްޤީކުރާ އާރބަން ޑިވެލޮޕްމަންޓް ރީޖަންތަކުގައި އެއްލައްކައެއްހާ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އުތުރާއި ދެކުނުގައި ޕްލޭންކޮށްފައިވާ ކަމަށާއި، ފަސް އަހަރުގެ ތެރޭގައި މި މަސައްކަތް ފެށި، އެއްލައްކައިގެ އާބާދީއަކަށް ވާސިލުވުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ދެކުނު ރީޖަންގައި 50،000 މީހުންނާއި އުތުރުގައި 55،000 މީހުން އުޅޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އާބާދީ އެއްލައްކައަށް ނުގެނެސް މަތީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އުނދަގޫވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ޓާޝަރީ ފެންވަރުގެ ހެލްތު ކެއަރ ދޭ ހޮސްޕިޓަލެއް ޤާއިމްކުރާނަމަ، އެތަނުން ޚިދުމަތްދޭ ވަރަށް މީހުން އާބާދުނުވާނަމަ ބައެއް ކަހަލަ ޚިދުމަތް ދިނުމަށް އުނދަގޫވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ އާރބަން ސެންޓަރުތަކުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެށްޓާ ރައްޓެހި ރަށްތަކެއް ތަރައްޤީކުރެވިގެން ކަމަށާއި، މި ސެންޓަރުތަކުން މަތީ ތަޢުލީމާއި ސިއްޙީ ފުރުސަތުތަކުގެ އިތުރުން ވިޔަފާރީގެ އެތަކެއް ފުރުސަތުތަކެއް ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.