ގައުމީ އެއާލައިން މޯލްޑިވިއަންއިން ދެކުނު އެފްރިކާއަށް ޗާޓާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މި ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ރޭވިފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރާނީ 264 ސީޓުގެ އޭ330-200 މަރުކާގެ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ބިޒްނަސް ކްލާހުގައި 18 ސީޓާއި، ޕްރިމިއަމް އިކޮނޮމީގައި 36 ސީޓު، އަދި އިކޮނޮމީ ކްލާހުގައި 210 ސީޓު ހިމެނެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ވަނީ ދެކުނު އެފްރިކާގައި ޗާޓާ ޚިދުމަތްތަކާއި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓް (ޖީއެސްއޭ)ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފައެވެ. ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަން އަންގަންވާނެއެވެ.
މިހާރު މޯލްޑިވިއަންގައި އޭ320 މަރުކާގެ މަތިންދާބޯޓެއް އޮތްނަމަވެސް، އައިލެންޑް އޭވިއޭޝަނުން ބުނާގޮތުގައި އޭ320 މަރުކާގެ މަތިންދާބޯޓު ދަތުރުކުރާ މަންޒިލްތަކަށް އޭ330-200 މަރުކާގެ މަތިންދާބޯޓު ދަތުރެއް ނުކުރާނެއެވެ. ޖީއެސްއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޗާޓާ ދަތުރުތަކުގެ ބުކިންގ ހެދުމާއި މާކެޓްކުރުން ހިމެނެއެވެ.