މުސްލިމުންނާއި ހަނގުރާމަކޮށް، ގޯތިގެދޮރުން ނެރެނުލާ ޣައިރު މުސްލިމުންނަށް ޢަދުލުވެރިވުމީ އިސްލާމްދީން ނަހީ ކުރައްވާ ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޣައިރު މުސްލިމުން ފާހަގަކުރަމުންދާ ކްރިސްމަސް ދުވަހާއި ގުޅިގެން ރައީސް ނަޝީދު އެދުވަސް ފާހަގަކުރާ މީހުންނަށް ތަހުނިޔާ ކިޔުމުން، ދީނީ ގިނަ އިލްމުވެރިންގެ ފާޑުކިޔުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ. މިކަމުގައި ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ ބޮޑަށް ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންދާ ޝައިޚު އަލީ ޒައިދާއި، ޝައިޚު ޑރ.މުހައްމަދު އިޔާޒުވަނީ ރައީސް ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ސިފަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ ދީނާއި ދެކޮޅު އަގީދައިން ބޭރު އަމަލެއްކަމަށް ވިދާޅުވެފައެވެ.
މިކަމުގެ ބަހުސްތަކެއް މި ދެދުވަހެއްގައި ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާއިރު ރައީސް މައުމޫން ވިދާޅުވެފައިވަނީ ޣައިރު މުސްލިމުންގެ ތެރެއިންވެސް މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައި ވާކަމެއްނޫން ކަމަށެވެ.
ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައި ވާކަމެއްނޫން.
– ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ މިވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ޣައިރު މުސްލިމުންގެ އަޤީދާ އާއި ގުޅުންހުރި ކަމެއްގައި މަރުހަބާ ކިޔުމާއި، އެމީހުންގެ ޕާސަނަލް ކަމެއްގައި މަރުހަބާ ކިޔުމާއި ވަރަށް ތަފާތުކަމަށެވެ.
އެއްވެސް މީހަކު ނުދައްކާ ނޫންތޯ އެމީހުންނަށް އަދުލުވެރި ނުވާ ވާހަކައެއް. ހެޔޮކޮށް ނުހިތޭނެ ވާހަކައެއް. އެމީހުންގެ އަޤީދާ އާއި ގުޅުންހުރި ކަމެއްގައި މަރުހަބާ ކިޔުމާއި، އެމީހުންގެ ޕާސަނަލް ކަމެއްގައި މަރުހަބާ ކިޔުމާއި މީ ތަފާތު ކަމެއްނޫންތޯ؟
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ކްރިމަސް ދުވަސް ފާހަގަ ކުރި މީހުންނަށް އެދުވަހުގެ ތަހުނިޔާ ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ކިޔަމުންދާ ފާޑިކުޔުންތަކާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ގިނަ މެމްބަރުންދަނީ ރައީސް ނަޝީދާއި ދެކޮޅަށް ދައްކަވާ ވަހަތައް ކުއްވެރިކޮށް، އެވާހަތަކަށް ރައްދު ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ