ތަމްރީނުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ފެސިލިޓީ ގިރިފުށި ކެޕޭސިޓި ވަރުގަދަ ކުރުމަށްޓަކައި، ސަރުކާރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން އެ ރަށުން 13 ހެކްޓަރުގެ ސަރަހައްދު ހިއްކައި، ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭއް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ މިއާއި އެކު ގިރިފުށިއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތްވެސް ފައްޓަވާނެކަމުގައެވެ.
ގައުމުގެ ސަލާމަތާއި އަސްކަރީ ބާރު ވަރުގަދަ ކުރުމަށް، ސަރުކާރުން ސިފައިންގެ ހިދުމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާކަން މި ޖަލްސާގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އަސްކަރީ ކެޕޭސިޓި ފުޅާކޮށް ވަރުގަދަ ކުރުމަށް ގިރިފުށި ބިން އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ސިފައިންގެ ބާރުތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތް ކުރިޔަށް ދާކަމަށެވެ. އެކަމަށް އެކުވެރި ދައުލަތްތަކާއި އެކު ކުރިޔަށް ދާ މަޝްވަރާތަކުގެ އިތުރުން ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރު ސިފައިންގެ ހިދުމަތަށް ބޭނުވާ ހަތިޔާރާއި އާލަތްތަކުގެ ބޮޑު އަދަދެއް ހޯދައިދެއްވާނެކަމުގައެވެ.
ނަސްރުގެ ދުވަސް ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދިވެހި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނު ރައްޔިތުންނަށްވެވަޑައިގެންނެވި ވައުދު ހަނދާނަށް ގެންނަވައި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރައްވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.