ދައުލަތުގެ މަޤާމުން ވަކިވުމަށްފަހުގައިވެސް، އެ މަޤާމެއްގައި ހުރެ ހޯދި ނުހައްޤު މުއްސަނދިކަމާ ގުޅިގެން ދަޢުވާކުރުން ފަސޭހަވާނެ ގޮތަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙު ހުށަހަޅައިފިއެވެ.
މި އިޞްލާޙު ހުށަހެޅުމުގެ ކުރިން ރައީސް މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ދައުލަތުގެ އިސްވެރިން ހިންގާ ކޮރަޕްޝަނާއި ނުހައްޤު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް މި ޤާނޫނަށް އިޞްލާޙު ގެންނަވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ ޕީއެންސީ މެންބަރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙުސައިން ރިޒާ އާދަމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލިސް ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ. މި އިޞްލާޙު ހުށަހަޅުއްވާފައިވަނީ ނުހައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ބަޔާންކުރާ ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށެވެ.
މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ މީހަކު އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް ގާއިމުކުރުމާއި، އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ހޯދުމާއި، މި ކަންކަން ޤާނޫނީ ގޮތުން ހުއްދަ ގޮތެއްގައި ކުރިކަން ސާބިތުކޮށް ނުދެވުމަކީ ކުށެކެވެ.
ކުރިން މި މާއްދާގައި އޮތް ގޮތުން، ނުހައްޤު މުއްސަނދިކަން ހޯދީ ޖިނާއީ ބޮޑު ކުށެއްގެ ޢަމަލެއް ކޮށްގެންކަން ދައުލަތުން ސާބިތުކޮށްދޭން ޖެހުނު ނަމަވެސް، މިހާރުގެ އިޞްލާޙުގައި ވަނީ ޤާނޫނު ހުއްދަނުކުރާ ގޮތަކުން ފައިސާއާއި މުދާ ހޯދުން ކަމަށް ބަދަލުކޮށްފައެވެ.
ރައީސުން، ވަޒީރުން، މަޖިލިސް މެންބަރުން، އަދި ފަނޑިޔާރުން މިފަދަ ކުށެއް ކުރުމަކީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެހެން ފަރާތްތަކުން ކުރުމަކީ ތިންވަނަ ދަރަޖައިގެ ކުށެކެވެ. މި އިޞްލާޙާއެކު، ކުރިން މަޤާމުތަކުގައި ތިބި މީހުންނަށްވެސް އެ މަޤާމުގައި ހުރެ ނުހައްޤު މުއްސަނދިކަން ހޯދިކަމުގެ ދަޢުވާކުރުން ފަސޭހަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ