އެންމެ ދަތިވި ވަގުތު، ތެދުވެރި ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން ދިން އެހީއަށް ރާއްޖެ އަބަދުވެސް ޝުކުރުވެރިވާނެ ކަމުގައި ކުރީގެ ޚާރިޖީ ވަޒީރު އަބުދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރެވެމުންދާ، ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ނަޞްރުގެ ދުވަސް ފާހަގަކުރާއިރު، ލޮބުވެތި ވަޠަނު ދިފާޢުކުރުމުގައި ދުޝްމަނުންނާ ދެކޮޅަށް ހިތްވަރުގަދަކަމާއެކު ތެދުވި ދިވެހި ސިފައިންނާއި އާންމު ރައްޔިތުންގެ ހިތްވަރާއި އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޤައުމަށް އިސްކަންދީގެން ވެވަޑައިގެންނެވި ޤުރުބާނީއަށްޓަކާ މިއަދު ފަޚުރުވެރިވާން ޖެހޭ ކަމުގައެވެ.
އަދި މިއަދު ތެދުވެރި ބައިވެރިންނާއި ތެދުވެރި ރަޙްމަތްތެރިންގެ އަގުވެސް ފާހަގަކުރާންޖެހޭ ކަމުގައިވެސް ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު އިންޑިއާއިން ދެއްވި އަވަސް އަދި ނާޒުކު ވަގުތުގެ އަސްކަރީ އެހީތެރިކަމަކީ ހަނދާން ނައްތާނުލެވޭނެ ކަމެކެވެ. ޚާއްޞަކޮށް ދަތި އުނދަގޫ ވަގުތުތަކުގައި އިތުބާރުހުރި އަވައްޓެރިއެއްގެ ގޮތުންނާއި ތެދުވެރި ރަޙްމަތްތެރިއެއްގެ ގޮތުން އިންޑިއާއިން ދެއްވި އެހީތެރިކަމަށްޓަކައި ދިވެހިރާއްޖެ އަބަދުވެސް ޝުކުރުވެރިވާނެއެވެ.
ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑު ގޮންޖެހުމަކާއި ނުރައްކަލެއް ކުރިމަތިވެގެންދިޔަ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހެވެ. އެދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި ހާޖަރާގޭ ލުތުވީއެވެ.
އެހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.