މިވެރިކަން ނިމިގެންދާއިރު ރާއްޖޭގެ އެތައް ރައްޔިތުންނެއް ހާލުގައި ޖެހި ނިކަމެތި ވެގެންދާނެކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ޕީޕީއެމްގެ އެޑްވައިޒަރ ޑރ.ޖަމީލް ވިދާޅުވީ މިއަދު ޤައުމުގެ ކަންކަންދާ މިސްރާބަށް ބަލާއިރު، މިވެރިކަން ނިމޭއިރު ރާއްޖޭގެ ހާލަތު މިއިން ޒަމާނަކު ނުދާވަރަށް ދަށަށްގޮސް، އެތައްބަޔަކު ހާލުގައި ޖެހޭނެކަމަށެވެ. މިހާލަތަކީ ރައްޔިތުންގެ މަސައްކަތުން ބަދަލު ކުރެވޭނެ ހާލަތަކަށްވާއިރު ހާލަތު ބަދަލުކޮށްގެން ނޫނީ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ނުލިބޭނެކަމަށް ޖަމީލް ވިދާޅުވި އެވެ.
މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް ގޮސް، އެތައް ބަޔަކު ހާލުގައި ޖެހޭނެ. އިންޝާﷲ ހާލަތު ބަދަލު ކުރެވޭނެ. އެއީ ރައްޔިތުންގެ ބާރު. ވަކި ބަޔަކަށް ފަރުދަކަށްވުރެ ޤައުމު ބޮޑުވާނެ.
– ޑރ.ޖަމީލް
ޖަމީލް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އަސްފައިވާ ބަދަލާއިއެކު ރައްޔިތުން އެތައް ތަޖުރިބާއެއް ކޮށްފައިވާކަމަށެވެ. ޚާއްސަކޮށް ވެރިކަން ކުރަން ލިބުނު ފުސަތުތަކުގައި އެކި ޕާޓީތަކުން ވެރިކަން ކުރެއްވި ގޮތާއި، ނެރެދީފައިވާ ނަތީޖާތައް ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައި ވާކަމަށެވެ.
މިއަދު ރާއްޖޭގެ ރައްޔިތުންނަށް ޤައުމުގައި އޮތް އެންމެބޮޑު ދެ ފިކުރުގައި ހުރި ތަފާތު ފެނި ޤައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން ވެރިކަން ކުރަނީ ކޮންބައެއްކަން ސާފުވެފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ. ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ތަރައްޤީ ބޭނުންވާ ބަޔަކަށްވާއިރު އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި އެކަން ކުރެވިފައި ނުވާކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން މިޤައުމަށް ތަރައްޤީ ގެނެސްދީފައިވަނީ އެއްވެސް ޤައުމެއްގެ ފައިބުޑަށްނުވެއްޓި ހެޔޮ ގޮތުގައިކަމަށް ޖަމީލް ވިދާޅުވި އެވެ.
ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ. ދިވެހިންނަށް 2 ފިކުރެއްގެ ތަފާތު ސާފުވެއްޖެ. ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށްވޭ. ދިވެހިންނަށް ރަނގަޅީ ބްރިޖް އަޅައި، ތަރައްޤީކޮށް، ބައެއްގެ ފައިބުޑަށް ނުވެއްޓުން. އެކަމަކު ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަބައެއް"
– ޑރ.ޖަމީލް
ޖަމީލްގެ ފާދުކިޔުން ސަރުކާރަށް އެންމެބޮޑަށް އަމާޒުކުރަމުންދަނީ ދައުލަތުގެ ދަރަންޏާއި، ވައްކަމާއި ޚިޔާނާތުގެ މައްސަލަތަކަށެވެ. ދައުލަތުގެ ދަރަނި އިންތިހާށް ބޮޑުވެ ދަރަނި ދައްކާނެ ގޮތެއް ނެތްކަމަށް މަޖިލިސް ރައީސްވެސް ވަނީ މިއަދު ވިދާޅުވެފައެވެ. މަޖިލިސް ރައީސްވަނީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް ގޮވާލަފަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ