ދިވެހިރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކާއި އޭގެ ބައިވެރިންގެ މަޢުލޫމާތު އެއްކުރުމަށް "ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުރަމަލަ 2025″ ގެ ނަމުގައި އައު މަޝްރޫޢެއް އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫޢަކީ މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްގެންދާ ޤައުމީ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، އެކި އިދާރާތަކުން އެއްކޮށްފައިވާ މަޢުލޫމާތުގެ އިތުރުން، ބީސީސީގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މަޢުލޫމާތު އެއްކުރާނެއެވެ. މި މަސައްކަތް މި މަހުގެ ތެރޭގައި ހއ. އަތޮޅުން ފެށޭނެ ކަމަށް ބީސީސީން ބުނެއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ މިއީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށާއި، ކޮންމެ ރަށެއްގެވެސް އިޤްތިޞާދީ ހަރަކާތްތަކާއި، އެ ރަށްރަށުގައި ކުރެވިދާނެ އިތުރު މަސައްކަތްތަކާއި، އެކްސްޕޯޓަށް އަމާޒުކޮށްގެން އުފެއްދިދާނެ ތަކެތީގެ މަޢުލޫމާތު އެއްކުރެވޭނެ ކަމަށެވެ.
ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިޙް އާދަމް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ކުދި ވިޔަފާރިތައް ފާހަގަކުރެވި، އެފަރާތްތަކަށް ޚާއްޞަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ޚިދުމަތްތައް ބައްޓަންކުރެވޭނީ މި ފުރަމަލައިގެ މައްޗަށް ކަމަށާއި، އިޤްތިޞާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން އިދާރާތަކަށްވެސް މީގެ ބޭނުން ހިފޭނެ ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ރަށު، އަތޮޅު، ސިޓީ އަދި ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ލިބި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިވެގެންދާނެއެވެ. ކިތަންމެ ކުޑަ ނަމަވެސް، އިޤްތިޞާދުގައި ބައިވެރިވާ ކޮންމެ ފަރާތެއް މި ފުރަމަލައިގައި ހިމެނުމަކީ ބީސީސީގެ އަމާޒެކެވެ.