މިނިވަން މުއައްސަސާތަކުގެ އިސް މަޤާމުތަކަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް މިހާރު ހުށަހެޅިފައިވާ އިސްލާހަކީ އެ މުއައްސަސާތަކުން އަމިއްލައަށް އެދިގެން ހުށަހަޅާފައިވާ ކަމެއްކަމަށް އެޗްއާރްސީއެމްގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ވިދާޅުވެފައިވެއެވެ.
އެގޮތުން މިއީ 2023 ވަނަ އަހަރު އޭސީސީ، އީސީ، އެޗްއާރްސީއެމް އަދި ސީއެސްސީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށާއި، އެޓަރނީ ޖެނެރަލްގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޕޭޕަރެއްގައި ހިމެނިފައިވާ ކަމެއްކަމަށް ހަބީބު ވިދާޅުވިއެވެ. މިއީ އެމެރިކާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުންވެސް މިހާރު ޢަމަލުކުރަމުންދާ ގޮތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީސީ، އޭސީސީގެ ރައީސާއި ނާއިބު ރައީސް، ރައީސުލް ޖުމްހޫރިއްޔާ ޢައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާޙަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށާއި، އެޓަރނީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން…
— Ismail Habeeb (@IsmailHabeeb) October 29, 2024
މިހާރު ޤާނޫނުގައި އޮންނަ ގޮތުން އޭސީސީގެ ރައީސް އައްޔަންކުރަނީ އެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް އައު އިސްލާހުގައިވާ ގޮތުން އޭސީސީއާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންދާނެއެވެ.
އެގޮތުން އެ މަޤާމުތަކަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުގެ ޖަލްސާއަކުން އެ ނަން ފާސްކުރަންޖެހޭނެއެވެ. އަދި އެ މަޤާމުތަކުން އިސްތިއުފާ ދޭން ހުށަހަޅަންޖެހޭނީވެސް ރައީސުލްޖުމްހޫރިއްޔާއަށްކަން އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ